މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"އާ އިތުރު ދެ ބޭންކެއް ގުޅިއްޖެއެވެ.
މިިދިޔަ އޮގަސްޓުގައި އެ ސިސްޓަމް ތައާރަފްކުރިއިރު މި ސިސްޓަމް ބޭނުން ކުރަން ފެށީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.
އެމްއެމްއޭ އިން ބުނީ، "ފަވަރަ"އާ މިއަދު ގުޅިފައިވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިސަޝް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ކަމަށެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި އެމްއެމްއޭ އިން މިއަދު އެ ދެ ބޭންކްއާއެކު ސޮއިކޮށްފައެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އަންނަ ބުދަ ދުވަހުން ފެށިގެން 'ފަވަރަ'އިގެ ޕައިލޮޓް ޓެސްޓިންތައް އެ ބޭންކުތަކުން ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތައް:
- ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
- ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
- އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
- އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)
މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރު ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭކަން އެމްއެމްއޭއިން ބުނެއެވެ.