މި ދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭތާ މިއަދަށް 29 ދުވަސް ވެފައިވާ އިރު، މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 9770 އަށް އަރާފައިވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނާ ގޮތުގައި، ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 9770 އަށް އަރާފައިވާ އިރު، އޭގެތެރޭގައި 4880 ކުޑަކުދިން ހިމެނެއެވެ. އޮކްޓޯބަރު 7 ގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 26000 އަށް ވަނީ އަރާފައެވެ. މީގެ އިތުރުން އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުން ޝަހީދުވި މީހުންގެ އަދަދު ވަނީ 152 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 2100 އަށް އަރާފައި ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް ގެއެއް ފުނޑުފުނޑުވެ ބިމާ ހަމަވެފައިވާ އިރު، ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ގިނަ ބަޔަކު ތިބޭނެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ ގޮތުން މިހާރު 2000 އަށް ވުރެ ގިނަ މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ އިރު އޭގެތެރޭގައި ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި 4000 އެއްހާ ފަލަސްތީންގެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، މި ހަފްތާތެރޭގައި ދެފަހަރެއްގެ މަތިން ގާޒާއިން މުއާސަލާތީ ހިދުމަތް ވަނީ ކެނޑިފައެވެ. ކަރަންޓާއި، ފެން ނުލިބޭ އިރު، ކާބޯތަކެތީގެ ދަތިކަމާ ވެސް އެތައް ބަޔަކު އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ސާފު ބޯފެން ނުލިބުމުގެ ސަބަބުން ބަލިމަޑުކަމާ ކުރިމަތިލަމުންދާ އެތައް ބަޔަކު އެބަ ތިބި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތައް އެތައް ގައުމަކުން ކުށްވެރިކޮށް އަޑުއުފުލަމުން ދިޔަ ނަމަވެސް އަދި ވެސް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާކަށް ގަސްތެއް ނުކުރެއެވެ. އެންމެ ފަހުން އިޒްރޭލުން ވަނީ ގާޒާގައި ހުންނަ އަލްގުދުސް ހޮސްޕިޓަލް ހުސްކުރުމަށް އިންޒާރު ދީފައެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި އެތައް ބަޔަކު އެޑްމިޓްކޮށްފައިވާ އިރު، އިންކިއުބޭޓަރުތަކުގައި ތިބި އެތައް ކުދިންނެއްގެ ފުރާނައަށް ގެއްލުންވާނެ ކަަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެއެވެ. އެ ހޮސްޕިޓަލް ހުސްކުރުމަށް އިޒްރޭލުން އިންޒާރު ދީފައިވާ އިރު، ދާދި ފަހުން އިޒްރޭލުން ވަނީ އެ ހޮސްޕިޓަލާ ވަަރަށް ގާތަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ގާޒާގެ ޖަބަލިއާ ކޭމްޕަށް އެއް ޓަނުގެ ހަ ބޮން ވައްޓާލައި، އެ ކޭމްޕްގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އެ ހަމަލާ ދިންތާ 24 ގަޑި އިރު ނުވަނީސް އެ ކޭމްޕަށް އިޒްރޭލުން ވަނީ ދެވަނަ ހަމަލާއެއްް މި މަހުގެ އެއް ވަނަ ދުވަހު ދީފައެވެ. އަދި އިއްޔެ ވަނީ ތިން ވަނަ ހަމަލާއެއް ކޭމްޕަށް ދީފައެވެ. މި ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ހުންނަ އަލްފަހުރާ ސްކޫލަށެވެ.

ޖަބަލިއާއަށް ފުރަތަމަ ދިން ހަމަލާގައި 50 މީހުން ޝަހީދުވެފައިވާ އިރު ދެވަނަ އަށް ދިން ހަމަލާގައި 195 މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ތިން ވަނަ ހަމަލާގައި 15 މީހުން ވަނީ ޝަހީދު ވެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ގާޒާގެ ހޮސްޕިޓަލްތަކާއި މީހުން ދިރިއުޅޭ ގެތަކުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަށް އަމާޒުކޮށް ހަމަލާދެމުން އަންނަ އިރު، ފަލަސްތީނުގެ ގިނަ އާންމުންނަށް ކަރަންޓު ލިބޭ ބާކީ އޮތް ހަމައެކަނި ވަސީލަތް މި ވަނީ ހަލާކު ކޮށްލާފައެވެ.

އެ ހަމަލާތަކުގެ އެންމެފަހުގެ އަޕްޑޭޓަށް ބަލާއިރު ޖަބަލިއާ ކޭމްޕްގައި ހުންނަ އަލްފަހުރާ ސްކޫލްގެ އިތުރުން، އިޒްރޭލު ސިފައިން ވަނީ އަލްވަފާ ހޮސްޕިޓަލުގެ ކަރަންޓު ޖަނަރޭޓަރަށް ހަމަލާދީ ރަފާގެ އިރުމަތީގައި ހުރި ޕަބްލިކް ފެން ޓޭންކެއް ހަލާކު ކޮށްލާފައެވެ. ހަމައެއާއެކު ގާޒާގެ އަލް ނާސިރު ޗިލްޑްރަންސް ހޮސްޕިޓަލުގެ ދޮރަށް ވެސް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ގާޒާގެ ދެކުނުގެ ދެ މިސްކިތަކަށް ވެސް ވަނީ ހަމަލާ ދީފައެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާގެ އުތުރަށް ވަރުގަދަ ހަމަލާތައް އިޒްރޭލުން ދެމުންދާ އިރު، އުތުރުގައި ތިބި އާންމުން ފައިބައިގެން ދާން ރާއްޖެ ގަޑިން ހަވީރު 5 އާ ހަމަށް އިޒްރޭލުން އޮތީ ވަގުތު ދީފައެވެ. އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ގާޒާގެ އުތުރުގައި މިވަގުތުވެސް 300،000 އެއްހާ އާންމުން ތާށިވެފައި އެބަތިއްބެއެވެ.