ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައި ނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ކޯޓުން މިދިޔަ ހޯމަ ދުވަހު މައްސަލަ ބަލައިގަތުމަށް ފަހު، މާދަމާ އަށް އަޑުއެހުމެއް ވަނީ ތާވަލު ކޮށްފައެވެ.

ރޭގެ ވަގުތެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި، ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި ނީންނަވާނެކަން ހާމަކުރައްވައި އީވާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކާ މެދު ވަކި ގޮތެއް ކޯޓުން ނިންމުމުގެ ކުރިން މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިއަށް ދިއުމަކީ މީގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތެއް ނޫން ކަމަށެވެ. އީވާ ވިދާޅުވީ، ނަޝީދުގެ މައްސަލައިގައި މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިއަށް ދިއުމަކީ ސުޕްރީމް ކޯޓަށް އެމްޑީޕީން މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް ނުފޫޒު ފޯރުވިގެން ދާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެއާއެކު ކޯޓަށް ހުށަހެޅި މައްސަލައާ މެދު ވަކި ގޮތެއް ނުނިންމަނީސް މަޖިލީހުން ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ކޯޓުގެ ހުރުމަތާއި ގަދަރު ކުޑަކުރުން ކަމުގައި އީވާ ސިފަކުރެއްވިއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައާ މެދު ވަކި ގޮތެއް ކޯޓުން ނިންމަންދެން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް މިއަދަށް ވެސް ޖަލްސާ ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ. މިއަދުގެ ޖަލްސާ ވެސް ކެންސަލް ކުރަން ޖެހުނީ އީވާ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމުންނެވެ.