އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި ފަންޑަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ، 'ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް' އިއްޔެގެ ނިޔަލަށް 28،027،420.14 ރުފިޔާ އަދި 17،300.50 ޑޮލަރު ލިބިފައިވާ ކަމަށެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.
އައިއޭސީން ވަނީ ދިވެހިންގެ ފަރާތުން ލިބެމުން އަންނަ އެހީއަށް ޝުކުރު އަދާ ކޮށްފައެވެ. އެ ފަންޑަށް ލިބޭ ފައިސާ އިން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް މި ވަގުތު ބޭނުންވާ އަސާސީ އެކިއެކި ތަކެތި ފޯރުކޮށް ދޭން ބޭނުން ކުރަމުންނެވެ. އަދި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ފައިސާ ބެހުމުގެ މަސައްކަތް ވެސް އައިއޭސީން ކުރެއެވެ.
ފަލަސްތީނަށް އެހީވުމަށް:
- އެކައުންޓު ނަމްބަރު: 7770000062741
- އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.