ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަމުގައި ގާޒާގެ ރައްޔިތުން ދިރިއުޅޭތާ 17 އަހަރު ވީއެވެ. ގާޒާ ވަށާ ދަނގަޑު ތޭރި ޖަހާ، ހާއަށް އޮންނަ ޖަލެއް ފަދައިން ގާޒާގެ ރައްޔިތުން ތިބީ ބަންދުވެފައެވެ. ގާޒާއިން ނިކުމެވެނީ ވެސް އަދި ވަދެވެނީވެސް ދަނގަޑު ދޮރާށިތަކެއްގެ ތެރެއިން ލައިފައި ގޮސް ޔަހޫދީންގެ ސްކްރީނިން ޕްރޮސެސް އިން ފާސްވެގެންނެވެ.
އެއާޕޯޓުން ފުރަން ދާ އިރު އަތް ދަބަހާއި ބޫޓާއި ބެލްޓާއި ދެންވެސް ހުރި އެއްޗެއް ނަގާ ސްކްރީނިން މަރުހަލާއެއް ފުރިހަމަ ކުރާ ގޮތަށް ވުރެވެސް ހަރުކަށްޓެވެ. މީހަކު ފުލު މީހަކަށް ދެވޭ ވަރުގެ ހަނިހަނި ދޮރާށިތަކަކުން ނޫނީ ވަދެ ނުނިކުމެވެ ގޮތަށް ގާޒާ ބަންދު ކޮށްފައި ވާ އިރު، 2.3 މިލިއަން އާބާދީ ތަހަންމަލް ކުރަމުން އެދާ ދިރިއުޅުމަކީ އެހެން ބަޔަކަށް އިހުސާސް ވާނޭ ވަރަށް ވުރެ ހިތްދަތި ދިރިއުޅުމެކެވެ.
ޕާން ފިހަން ވިޔަސް، ކާން ވިޔަސް، ބޯނެ ފެން ކަމަށް ވިޔަސް، އަދި ބަލިވީމާ ކާލާނެ ބޭސް ގުޅައެއް ވިޔަސް ލިބެނީ ޔަހޫދީ އިޒްރޭލުން ދިނިއްޔާއެވެ. އަދި ކަނު އަނދިރިކަން ފިލުވުމަށް ހިންގަން ޖެހޭ އިންޖީނުތަކަށް އަޅާ ތެޔޮފޮދުވެސް ލިބެނީ އިޒްރޭލުން ދިނިއްޔާއެވެ.
އަދާކުރާނެ ވަޒީފާއެއް، ކުރާނެ މަސައްކަތެއް ނެތި 17 އަހަރު ކަޑައްތު ކުރަމުން ދަނީ، އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އާއި ބައިނަލްއަގުވާމީ އެހީދޭ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ އިންސާނީ އެހީގައެވެ. އެ ވެސް ގާޒާއަށް ވެއްދެނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބަލައި ޗެކް ކުރުމަށް ފަހު އެމީހުން ރުހެންޏާއެވެ.
ޔަހޫދީން ދެން ކުރާ ކަމަކީ، އެ ދަގަނޑު ތޭރިތަކުން ނެރޭ މީހުން ލައްވާ އަޅު މަސައްކަތް ކުރުމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގާޒާގެ 3000 މީހަކަށް އިޒްރޭލުން ހިފާފައި ވާ ފަަލަސްތީނުގެ ބިންތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ދެއެވެ. ބަކަރު ހުއި ހެއްޕުމާއި، އިޒްރޭލުން ހިންގާ ބައެއް އިންޑަސްޓްރީތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއެވެ. ކުޑަކުޑަ އުޖޫރައަކަށް އެ 3000 މީހުން އިޒްރޭލުގައި މަސައްކަތް ކުރަމުން ދާ އިރު، މަސައްކަތް ނިންމާ ގޮސް ކޮންމެ ދުވަހެއް ހޭދަ ކުރަން ޖެހެނީ ހަމަ ގާޒާ ފަދަ ކޭމްޕެއްގައެވެ. އަނެއް ދުވަހު މަސައްކަތަށް ނިކުންނަން ވަންދެން ތިބެން ޖެހެނީ އެ ޖަލުގައެވެ.
ކަނޑިއެއްގެ ބައްޓަމަށް މިސްރާއި، އުރުދުނާއި ސީރިއާގެ އިތުރުން ލުބުނާނާއި މެޑިޓަރޭނިއަން ކަނޑާ ދެމެދު އޮންނަ ޕަލަސްތީނަކީ، މިހާރު ދުނިޔޭގެ ޗާޓުން ފެންނަން އޮތް ތަނެއް ނޫނެވެ. އިނގިރޭސީންނާއި ޔަހޫދީންގެ ސިއްރު އެޖެންޑާއެއްގެ ދަށުން ޕަލަސްތީނަށް ޔަހޫދީން ފާކޮށް 1947 ގައި ދައުލަތެއްގެ ގޮތުގައި އިޒްރޭލް އުފެއްދުމަށް ފަހު އެއީ ކޯރުގެ އައްސޭރިން ފެށިގެން ކަނޑާ ދެމެދު ކަމުގައި ހަދާ ފަލަސްތީނުގެ ދިގަށް އެއްކޮޅުން އަނެއް ކޮޅަށް ހިފަމުން ހިފަމުން ގޮސް މިހާރު ބާކީ އޮތީ ގާޒާ އާއި ހުޅަނގު އައްސޭރިއެވެ. ހުޅަނގު އައްސޭރިއަކީ، ފަލަސްތީންގެ ވެރިކަން ހިންގާ ފަތަހް މޫވްމަންޓް އޮންނަ ސަރަހައްދެވެ. ގާޒާ ހާއްސަ ވެފައި ވަނީ ހަމާސް އަށެވެ. އެ ދެބައި މީހުން ވަކިކޮށްލައި މެދުން އިޒްރޭލުގެ ދައުލަތް ދަމާލާފައި ވާ އިރު، ހުޅަނގު އައްސޭރިއަށާއި ގާޒާއަށް އިޒްރޭލުން އަރާ ބަޑިޖަހާ މީހުން ޝަހީދު ކުރުމާއި، ގެދޮރު ތަޅާ ސުންނާފަތި ކުރުމާއި، ކިޔަވަން މަގުހިނގާ ދަރިވަރުން ހިފާ ހައްޔަރު ކޮށް އަނިޔާ ކުރުމާއި، މަގުމަތިން މީހުންނަށް ޖެއްސުން ކުރުމުގެ ކިތަންމެ އަނިޔާއެއް އައީ ދެމުންނެވެ.
މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމަށް ވާ އަލް އަގުސޯ އަށް ވަދެގަނެ، އަޅުކަމުގައި ތިބޭ މީހުންގެ ގަޔަށް ބޮލަށް އެރުމާއި، އަޅުކަމަށް މީހުން ވަނަ ނުދީ ހުރަސް އެޅުން ފަދަ ކިތަންމެ އަހުވައެއް ދައްކައެވެ.
ހަމަ ނޭވާލައިގެން ފަލަސްތީނުގެ ރައްޔިތުން އުޅުނަކަ ޔަހޫދީން ނުދެއެވެ. އިޒްރޭލުގައި މަސައްކަތް ކުރަން ގެންގޮސް ތިބޭ މީހުން މެރުމާއި އަނިޔާ ކުރުން ފަދަ ލާއިންސާނީ އެތައް ކަމެއް ކުރުމުގެ ތެރެއިން އުފަންވެގެން އައި އޮކްޓޯބަރު 7، 2023 ގެ ހަމަލާ އަކީ އިޒްރޭލުގެ ނުލަފާކަން ހައްދުން ނެއްޓި ދިޔަ ހަމަލާއެވެ. އެ ދުވަހަށް ފަހު މިވީ 29 ދުވަހުގެ ތެރޭގައި، ހުޅަނގު އައްސޭރިއާއި ގާޒަ ހިމެނޭހެން 10،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ބާރުގަދަ ބޮން ތަކާއި މިސައިލް ހަމަލާތަކާއި ފޮސްފަރަސް ބޮން އެޅުމުގެ އިތުރުން، ޓޭންކަރުތަކުން ހަމަލާ ދެމުން ބުލްޑޯޒަރުގައި މިހާރު ޔަހޫދީން ތިބީ ގާޒާއަށް އަރައެވެ. ބަރުހަތިޔާރާއެކު ހުޅަނގު އައްސޭރީގައި ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
މުޅި ގާޒާ ތަޅަ ފުނޑުފުނޑު ކުރަމުން ދާ އިރު، ކާނާ އާއި ބޯފެނާއި، ބޭހާއި ތެޔޮ ވަނީ ބަންދުކޮށްފައެވެ. ބަނޑަށް މަރުވާން ވެސް ފުރުސަތު ނުދީ ބޮލަށް ބޮން އަޅާ ގިނަ އަދަދަކުން ކުދަކުދިންނާއި އަންހެނުންނާއި އާންމުން ޝަހީދު ކުރަމުން ގެންދަނީއެވެ.
އިޒްރޭލުގެ އުދުވާން ހުއްޓަން ދުނިޔެ ގޮވަމުން ދާ އިރު، ބީރު ކަންފަތެއް ދީ، އާންމުން ޝަހީދު ކުރަމުން ދާ އިރު އެމީހުންގެ މިވަގުތުގެ ކެއުމަކީ ދުވާލަކަށް ބޮލަކަށް 2 ފޮތި ޕާނެވެ.
ހުޅަނގު އައްސޭރި އެކޭ އެއްގޮތަށް ގާޒާގައި ރައްޔިތުން އުޅެމުން ދަނީ އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައެވެ. އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން އެމީހުންނަށް އެހީވަމުން ދާތީ ދުނިޔޭގައި ތިބި ނަމަވެސް އިޒްރޭލުގެ އުދުވާނުގައި ކާންބޯން ލިބޭ ހުރިހާ ބޭކަރީތަކެއްހެން ވަނީ ހަލާކު ކޮށްލާފައެވެ. ފިހާރަތައް ހުރީ ހުސްވެފައެވެ.
ބޯފެނަށް ޖެހި، ބައެއް ކުދިން ހަންތައް ހިފައިގެން މޫދަށް އެރި ލޮނު ފުރާ ނަގައިގެން އެ ބޮއެ ހާންތިކަން ފިލުވަމުން ދާ އިރު، ރޭނގަޑުގެ ނިދިން ވަނީ މަހުރޫމު ކޮށްފައެވެ. 32،000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައި ވާ އިރު ގިނަ މީހުން ވަނީ ނުކުޅޭ ހާތަލުގައެވެ. ހަމަލާތަކުގައި އެކި ގުނަވަންތަކަށް ގެއްލުން ވެ އައިބުވެފައެވެ.
އިޒްރޭލުގެ މި ނުބައި ނުލަފާކަމާއެކު ދުނިޔެ ބުނަމުން ދަނީ ހެޓިލަރު ޔަހޫދީން މެރީ ހަމަ މަރަން ވެގެން ކަމަށާއި އެންމެން މަރާ ހުސްނުވަނީސް ހެޓިލަރު މަރުވެ ދިޔުމަކީ މިއަދު ހިތާމައެއް ކަމަށެވެ.
އިޒްރޭލުން ގާޒާ ސުންނާފަތި ކުރަން ފަށާފައި ވާ ޖަރީމާގެ ފަހަތުގައި އޮތީ އެެމެރިކާ ކަމަށާއި މި ނުބައި ޖަރީމާގެ މޭސްތިރި އަކީ އެއީ ކަމަށް ވެސް ދުނިޔެ ބުނަމުން ދެއެވެ.
އދ ގެ މެޖޯރިޓީން ހަނގުރާމަ ހުއްޓާލުމަށް ގޮވާލި އިރުވެސް އެކަމަށް ދެކޮޅު ހެދި އެއް ގައުމަކީ އެމެރިކާ އެވެ. އަދި އިޒްރޭލުގެ އުދުވާނަށް ފާޅުގައި ތާއީދު ކޮށް ހިތްވަރު ދީ ހަތިޔާރާއި ފައިސާ ދެމުން ގެންދަނީވެސް އެމެރިކާއެވެ. މިހަނގުރާމަ ފެށިފަހުން 10 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް މިހާރު ވަނީ އެމެރިކާއިން އިޒްރޭލަށް ފޮނުވާފައެވެ. އޭގައި ބަރުހަތިޔާރާއި، ޓެކްނޮލޮޖީއާއި، ފައިސާ ހިމެނެއެވެ.