ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދޭ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަގްވާމީ މަސްރަހުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އިން އަދާކުރަމުންދާ ލީޑަޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ގައުމީ ތަސައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދޭ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެތެރޭގައި ޑިމޮކްރަސީ އާއި ހެޔޮ ވެރިކަން، ވިޔަފާރި އާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.