ގއ.ގެމަނަފުށީ ގައި ދަނގަޑު ޖަހައިގެން މަސްހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ފަޅަށް ވަންނަން އައި ލޯންޗެއް، ޖެހި ހިނގި އެކްސިޑެންޓުގައި އެމީހާ މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާގައި މަރުވީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ. ގއ.ގެމަނަފުށީ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ގެމަނަފުށިން ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާގައި އެމީހާގެ ގައިގައި ޖެހުނީ ލޯންޗުގެ ބުރަފަތި ކަމަށާއި ހަށިގަނޑު ދެބުރިވެފައި ވާކަމަށެވެ.

މި މައްސަލަ އާ ގުޅިގެން އަދި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސލަ އިތުރަށް ބަލަމުންނެވެ.