ރާއްޖޭގެ މަސްވެރިކަމަށް މަޝްހޫރު ގއ.ގެމަނަފުށީގައި މަސްވެރިން ބާނާ މަސް އެރަށަށް ކިރޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ ގެމަނަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދައުރުގައިވެސް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އަދި އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އިތުރު ކަންކަން ވެސް ކޮށްދެއްވާނެ ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތަށް އިހުމާލުވެފައި ވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ "ފެލިވަރު މަސް ފެކްޓްރީ އާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސް ފިޔަވައި މާ ބޮޑު ކަމެއް ނެތް. މަސްވެރިކަން ފުޅާކުރަންޖެހޭ މިންވަރަށް ފުޅާކުރެވިފައެއް ނެތް." ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: އެމްޑީޕީ

މީގެ އިތުރުންވެސް ކުރިއަށް އޮތް ދައުރު ލިބިވަޑައިގެންފިނަމަ ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް އެމަނިކުފާނު ހިއްސާކުރައްވާފައި ވާއިރު އޭގެ ތެރޭގައި ކޯލްޑު ސްޓޯރޭޖެއް ގާއިމު ކުރުމާއި 30 އެނދުގެ ހޮސްޕިޓަލެއްގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުން ހިމެނެއެވެ. އަދި ހައުސިން ޔުނިޓާއި، ކައުންސިލްގެ އާ އިމާރާތެއް އެޅުމުގެ އިތުރުން ގެމަނަފުށީ ކުރިމަތީގައި އޮތް އަރައިގައްތާގައި ރިސޯޓެއް ތަރައްގީ ކުރުންވެސް ލިސްޓުގައި ހިމެނެއެވެ.

މި ދައުރުގައި ކަންކަން ކުރަމުންދިޔަ ގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ އިތުރު ކަންކަން ކުރުމަށްޓަކައި އެމަނިކުފާނަށް އިތުރު ދައުރެއް ދެއްވުމަށެވެ. އަދި ކަންކަން ކުރުމަށްޓަކައި ނިކުންނަވަނީ ސިޔާސަތު ރާވައިގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު ގއ އަތޮޅުގެ އިތުރު ރަށްތަކަށް މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.