މަހަށް ނިކުމެ އުޅުނު މަސްދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން "އޯކިޑް 707" ނަމަކަށް ކިޔާ މަސްދޯނި ބިންދައިގެން ދިއުމާއި ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓާސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:40 ހާއިރެވެ. ބޮޑު މިނުގައި 111 ފޫޓު ހުރި އެ ދޯންޏަކީ މީގެ 6 އަހަރު ކުރިން ބަނދެފައިވާ ދޯންޏެކެވެ.

އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން މަސް ދޯނިތައްވެސް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަަމަށް މައުލޫމާތު ވަނީ ލިބިފައެވެ.