ތ. ދިޔަމިގިލި އަދި ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް ހެލްތް މިނިސްޓްރީއިން 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ދިޔަމިގިލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 154 ދުވަހުގެ ތެރޭގައި ނިންމުމަށް 4.4 މިލިއަން ރުފިޔާއަށެވެ.

ގެމަނަފުށި ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ އިތުރުން ސިއްހީ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.4 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތާއި ބޭނުންވާ އިކުއިޕްމެންޓްތައް ފޯރުކޮށްދިނުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.

ނ. ކެނދިކުޅުދޫ އާއި ޅ.ހިންނަވަރަކީ މި ސަރުކާރުން އަލަށް ހޮސްޕިޓަލްތައް ގާއިމު ކުރަން ނިންމާފައިވާ ރަށްތަކެެވެ.