ގއ. ގެމަނަފުށީގެ ބިން އިތުރު ކޮށްދެއްވައި އެ ރަށު ބަނދަރު ރަނގަޅު ފެންވަރަކަށް ހައްދަވާނެ ކަަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މޭލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަސްވެރި ގެމަނަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވައުދެއް ވެވަޑައިގެންފިނަމަ އޭނާއަކީ ވީ ވަރަކުން އެ ވައުދު ފުއްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ވިދާޅުވާ ބަހާއި އަމަލާ ދިމާވާނެ ކަމަށެވެ.

"ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި އަމަލާއި ބަހާ ދިމާވާނެ"
މުއިއްޒު

އެގޮތުން 2012 ވަނަ އަަހަރު ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ދުވަސްވަރު ގެމަނަފުށިން ޓީމެއް އޭނާގެ އަރިހަށް ގޮސް އެ ރަށު ބަނދަރު ހަދާ ދިނުމަށް އެދުމާއެކު އޭރު ރަށުގެ ރައްޔިތުން އެދުނު ގޮތަށް އެ މަސައްކަތް ނިންމައި ދެއްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ރަށަކީ މަސްވެރިކަމަށް މަޝްހޫރު ރަށެއް ކަމުން ބަނދަރަކީ ވަރަށް މުހިންމު ތަނެއްކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އަނެއްކާވެސް އެ ބަނދަރު ތަރައްގީކޮށް ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށެވެ.

އަދި އެފަދަ ރަށެއްގައި އުމްރާނީ ތަރައްގީއަށްވެސް ގިނަ ކަންތައްތަކެއް ރާވާފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރެއްގައި ހައްދަވާނެ ކަމަށާއި ގެދޮރުވެރިކަރުމުގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ އެކިއެކި ކަންކަން ކުރުމަށް ބިން ބޭނުންވާނެ ކަމަށާއި އެގޮތުގެ މަތިން ބިން އިތުރުކޮށްދެއްވާނެ ކަމަށެވެ.

އަތޮޅުގެ ހުރިހާ ރަށަކަށް ވަގުތު ހުރިގޮތުން ވަަޑައިނުގެންނެވުނު ނަމަވެސް އެ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމުގައި އެ ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް މުއިއްޒުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.