ދިވެހިންގެ އެހީގައި ގާޒާއަށް 20،000 ލީޓަރުގެ ތެޔޮ ގާޒާއަށް ފޯރުކޮށްދީފިއެވެ.

އައިއޭސީއިން ބުނީ ދިވެހިންގެ އެހީގައި މިއަދު ގާޒާގެ އަލް އަގްސާ މާޓިޔާސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެ ތެލަކީ އައިއޭސީގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ގާޒާގެ އެތެރޭން ހޯދުމަށް ފަހު ރައްކާތެރި ކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދެވުނު ތެޔޮ ކަމަށް އައިއޭސިން ބުނެއެވެ.

އަގްސާ މާޓިޔާސް ހޮސްޕިޓަލުގެ ކޮމިއުނިކޭޝަން ޑައިރެކްޓާ މުހައްމަދު އަލް ހާޖާ އަގްސާ ހޮސްޕިޓަލުގެ ތެރޭގައި ހުންނަވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަގްސާ ހޮސްޕިޓަލުގައި ހުރި ޖަނަރޭޓަރުތައް ހިންގާ ހޮސްޕިޓަލްއަށް ކަރަންޓު ލިބި ސިއްހީ ހިދުމަތްތައް ދިނުމަށްޓަކައި އެ ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދިނީތީ ދިވެހިންނަށާއި އައިއޭސީއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާތައް ކިތަންމެ ވަރަކަށް ދިންނަމަވެސް އައިއޭސީއިން ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައެއް ނުލާނެ ކަމަށާއި ބޮން އަޅާތީ ބިރުން ގާޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެ ކަމަށް އައިއޭސީއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޕަލަސްތީންގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެގައުމުން 256 މީހުން ޝާހިދުވެފައިވާ އިރު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9،061 އަށް އަރާފައެވެ. އޭގެތެރޭގައި 3،760 ކުޑަކުދިންނާއި 2،326 އަންހެނުން ހިމެނެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 32،000 އަށް އަރާފައިވާ އިރު، އޭގެތެރެގައި 6،360 ކުޑަކުދިންނާއި 4،891 އަންހެނުން ހިމެނޭ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.