ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ޔާގީން ވެފައިވީ ނަމަވެސް ތިބި ސިފައިންގެ އަދަދު އަދި އެނގިވަޑައިގެންފައި ނުވާ ކަމަށް އިންތިގާލީ ކޮމިޓީގެ ވެރިޔާ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން އައްޑޫއަށް ވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ޔަގީންވެފައިވާ ކަމަށެވެ.
ކުރިންވެސް ވިދާޅުވެފައިވާ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބިކަން ޔަގީންވެފައިވީ ނަމަވެސް އަދި އެއީ ކިހާ އަދަދެއްގެ ސިފައިންކަން އެނގިނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އުތުރުތިލަފަޅު، ހދ. ހަނިމާދޫ، އައްޑޫ ސިޓީ އަދި ލ.ކައްދޫގަ އިންޑިއާ ސިފައިން އެބަ ތިބި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މުއިއްޒު ވިދާޅުވެފައި ވަނީ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ފޮނުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މުއިއްޒު ވިދާޅުވެފައިވާއިރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ފުރުސަތު ނުދެއްވާނެ ކަމަށް މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އަސްކަރީ ގޮތުން ހަރަކާތްތެރިވާ ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.