ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން އެމްޑީޕީއިން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް ހޯމަ ދުވަހު ބާއްވަން ނިންމާފައިވަނިކޮށް މި މައްސަލައިގެ ގަރާރު، އަންނަ އާދިއްތަ ދުވަހު ބާއްވާ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

ރައީސް ނަޝީދުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާކުރީ މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީ މި މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެެވެ. އެހެންކަމުން މިއީ މި މައްސަލަ މަޖިލީހާށް ހުށަހަޅާ 5 ވަނަ ފަހަރެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ހުށަހަޅާ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ އަންގާރަ ދުވަސް ފިޔަވާ މި ހަފްތާގެ އެހެން ހުރިހާ ދުވަހަކަށް އެޖެންޑާކުރި އިރު އެމްޑީޕީން ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ. އަދި ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.