މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާލެ ސަރަހައްދުގައި ތަމްރީންތަކެއް ފަށައިފިއެވެ.

އިއްޔެ ފެށި މި ތަމްރީންތައް މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށ ދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ތަމްރީންތައް ކުރިއަށް ގެންދަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި ހަމައެހެންމެ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ އިތުރުން ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މި ތަމްރީން ތައް ކުރިއަށްދަނީ ކޮން ކަމަކާ ގުޅިގެން ކަމަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެއާއި އަދި މީހުން އުޅޭ ބައެއް ރަށްރަށުގައި ވެސް ތަމްރީން ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ.

އެގޮތުން މާލޭގެ އިތުރުން ތ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި މިދިޔަ އަހަރު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފައެވެ.