ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމްރިކާ ޑޮލަރު (530،848 ދިވެހި ރުފިޔާ) ދައްކަން ރާއްޖޭގެ ފުޓްބޯޅަ އާ ބެހޭ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ އެފްއޭއެމްގެ އެދުމުގެ މަތިން އެ އެސޯސިއޭޝަންއަށް ބީހައިވްއިން ފޯރު ކޮށްދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކް އަނބުރާ ރައްދު ކޮށްފައިވާތީ، އެފްއޭއެމް އިން ބީހައިވް އަށް ދައްކާ ހަލާސްކުރަންޖެހޭ 32،426 އެމެރިކާ ޑޮލަރު ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވް އަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

ދައުވާ އާ ގުޅޭ ގޮތުން އެފްއޭއެމް އިން ބުނީ އެ ފައިސާ ނުދެއްކި ވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށް ވުމުގެ ސަބަބުން ކަމަށެވެ. އަދި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ ހަމައަށް ލިބިފައި ނުވާ ކަމަށް އެފްއޭއެމް އިން ވަނީ ޝަރީއަތުގައި ފާހަގަ ކޮށްފައެވެ.

މި ދައުވާގައި ބުނާ 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް އެފްއޭއެމުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ބީހައިވް އިން ހުށަހަޅާފައިވާ ދެ ޕަސެންޓު ދެއްކުމަށް އެފްއޭއެމް އިން ވަނީ އިންކާރު ކޮށްފައެވެ. އެ އެސޯސިއޭޝަނުން ބުނީ ފަހުން ދައްކާގޮތަށް ބީހައިވް އިން ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.

އަދި ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށާއި އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން ވަނީ އެދެފައެވެ.

އެގޮތުގެ މަތިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއްކަމަށް ނިންމާ، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ހޯދާ ދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ކޯޓުން މައްސަލަ ބެއްލެވި ގާޒީ، ފައިސަލް އާދަމް ވަނީ ހުކުމް ކޮށްފައެވެ.

އެފްއޭއެމްގައި ހިންގާފައިވާ ހިޔާނާތާ ގުޅުން ހުރި ޖިނާއީ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގައި، އެފްއޭއެމް ހައުސްވެސް ވަނީ ހުސްވި މަހު ފާސް ކޮށްފައެވެ.

އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.