އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، 2024 އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ 2023 ވަނަ އަހަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކޮށްފައި ވާތީ ކުރިއަށް އޮތް އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައިވާ ފައިސާގެ އަދަދުވެސް 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށެވެ.
އެގޮތުން 2024 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު މިއަދަދަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 20.7 ޕަސެންޓު އިތުރު އަދަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ޖުލްލަގޮތެއްގައި ހުރިހާ ކައުންސިލަކަށް ވެސް މިއަހަރު ލިބުނު ބްލޮކް ގްރާންޓްގެ މިންވަރާ އަޅާބަލާއިރު އަންނަ އަހަރު ލިބޭ ބްލޮކް ގްރާންޓްގެ މިންވަރު އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، 2021 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތު ލިބިފައިވާތީ ބްލޮކް ގްރާންޓް ކަނޑައެޅުމުގައި ބޭނުންކޮށްފައިވަނީ މި ބޯހިމެނުމުގެ ނަތީޖާ ކަމަށެވެ.
ބްލޮކް ގްރާންޓަށް އައިސްފައިވާ ބޮޑު ބަދަލުތަކަކީ 2014ގެ އާބާދީއާ އަޅާބަލާއިރު، 2022 ވަނަ އަހަރުގެ އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލުތަކުން އަންނަ ބަދަލުތަކެއް ކަމަށާއި ބްލޮކް ގްރާންޓު އެއްވެސް ކައުންސިލަކަށް މަދުވެފައިވާނަމަ އެއީ އެރަށެއްގެ އާބާޑީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އަންނަ މަދުވުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ
އަންނަ އަހަރަށް ހުށަހަޅާފައވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ.