ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން އަންނަ އަހަރު ހުރަސްކުރާނެ ކަމަށް، ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި:
- ބެޑްނައިޓްސް ހަތް ޕަސެންޓުން ކުރިއަރާނެ
- ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 6.6 ޕަސެންޓުން ކުރިއަރާނެ
- ވިލާތުގެ މާކެޓުތަކުން ކުރިއެރުން ފެންނާނެ
- ޗައިނާގެ ތިން އެއާލައިނަކުން ދަތުރުތައް ފެށުމުން އެ ގައުމުން އަންނަ ފަތުރުވެރިން އިތުރުވާނެ
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުގައި 2025 ވަނަ އަހަރުން ފެށިގެން ހިދުމަތް ދޭން ފެށޭ ވަރު ވާނެއެވެ. އޭރުން 2025 ގެ ކުރީ އަހަރުތަކުގައި އަންނަ ފަތުރުވެރިންގެ އަދަދަށް ވުރެ ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭރުން 2026 ގައި ރާއްޖެ އަށް 2.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން އަންދާޒާކުރެއެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ރާއްޖެ އަށް 1.87 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް، ބަޖެޓު ފޮތުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 1،505،366 ފަތުރުވެރިން އައިސްފައިވެއެވެ.
އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ރާއްޖެ އަށް 13.4 ޕަސެންޓު އިތުރަށް ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.