އައްޑޫއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯދަން އެ ކޯޓުން އަމުރުކުރި މައުލޫމާތު ނުފޮނުވުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް ވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހޯދަން އަމުރު ކުރެއްވި މައުލޫމާތު އެކޯޓުން ބުނި ދުވަހަށް ފޮނުވިފައިނުވަނީ އެ މައުލޫމާތަކީ ޕީޖީ އޮފީހަށް ލިބިފައިވާ މައުލޫމާތަކަށް ނުވާތީ ކަމަށެވެ. އަދި އެ މައުލޫމާތަކީ ފުލުސް އޮފީހުން ބަލަހައްޓާ މައުލޫމާތެއް ކަމަށްވުމުން އެ މައުލޫމާތު ހޯދޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެން ކަމަށެވެ.

ޕީޖީ އޮފީހަށް ލިބިފައި ނެތް މައުލޫމާތެއް ނުދިނުމުން އެ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބެލުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުވެދާނެ ކަމަށާއި އެއަމުރު މަތީ މަރްހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އޮފީހުން ބުނެއެވެ. އެ އޮފީހުގައި ހުރި މައުލޫމަތެއް ކޯޓަކުން ބޭނުންވެގެން އެދިއްޖެނަމަ، ނުދީ ހިފެހެއްޓުމަކީ ދުވަހަކުވެސް ކުރި ނުވަތަ ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އެ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އޮފީހަށް ލިބޭ ހުރިހާ މައުލޫމާތެއް ހާމަކުރާ ކަމަށެވެ. އަދި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށާއި ގާނޫނީ ސަބަބަކާހުރެ އެއްވެސް މައުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާ "ޝަރީއަތުގެ މަޖިލީހުގެ ނިޒާމް"އާ ހިލާފުވުމުގެ މާއްދާގެ ދަށުން އަދަބެއް ކަނޑައެޅޭނީ "ޝަރީއަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާ ކަމެއްގައި ކަމަށް ސާފުކޮށް އޮއްވާ، މަޖިލީހުގެ ތެރޭގައި ބޭރުގައި ދިމާވި ކަމެއްގައި އެމާއްދާގެ ދަށުން އަދަބު ކަނޑައެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.