އޮކްޓޯބަރު 7، 2023ގެ ހަމަލާތައް ފެށިފަހުން އިޒްރޭލުން ވަނީ ފަލަސްތީންގެ 8005 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 40 ޕަސެންޓަކި ކުޑަކުދިން ކަމަށް ވާއިރު އެއީ ގާތްގަނޑަކަށް 4000 ކުދިންނެވެ.

ހަނގުރާމަ ފެށިފަހުން ކޮންމެ ދުވަހަކު ކޮންމެ 10 މިނެޓަކަށް ކުއްޖަކު ޖެހޭ ރޭޓުން ކުޑަކުދިން ޝަހީދު ކޮށްލާފައި ވާ އިރު، ކޮންމެ ދުވަހެއްގެ އެ ޝަހީދުން ވަކިވަކިން ވަޅުލުމަކީ ހަނގުރާމައިގެ މިހާތަލުގައި ކުޅަދާނަ ކަމެއް ނޫނެވެ.

ހަނގުރާމަ ފެށިފަހުން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެއް ވަޅުގަނޑެއްގައި ވަޅުލި މިއީ 3 ވަނަ ފަހަރު ކަމަށް ވާއިރު މިފަހަރު އެއްވަޅުގަނޑެއްގައި 62 ހަށިގަނޑު ވަނީ ވަޅުލާފައެވެ. ގިނަ އީ ކުޑަކުދިންނެވެ.

"މައްޔިތުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އެމީހުން ވަޅުލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެއް"
އާންމު ރައްޔިތެއް

އެއީ އަލް ޝިފާ ހޮސްޕިޓަލްގެ ދޮރުމަތީ، ބިންމަތީގައި އަތުރާފައި ވާ މައްޔިތުން ވަޅުލާން ގެންދިޔުމަށް އެއްވެ ތިބި މީހުންގެ ތެރެއިން މީހަކު ބުނި ވާހަކަ އެކެވެ. އޭރު ހޮސްޕިޓަލްގެ ދޮރުމަތި ފުރިފައިވާނީ ހުދު ފޮތިން [ކަފުނުން] ބަނދެފައި ވާ މައްޔިތުންނެވެ. ބައިވަރެކެވެ. އެވަގުތުވެސް އެތާނގައި 62 ގަބުރު އޮތެވެ.

ހޮސްޕިޓަލް ތަކަކީ ބަލިވެގެން ހާލެއް ނެތި ގެންދާ މީހުން ކޮންމެ ދުވަހަކުހެން މަރުވާ ތަނެކެވެ. ނަމަވެސް އެ ދުވަސް އެހެން ދުވަސް ދުވަހާ ތަފާތީ އެ ދުވަހު އޮތީ އެކެއް ދެ ހަށިގަނޑަށް ނުވާތީއެވެ. އެއީ އެމެރިކާގެ މަދަދާއެކު ޔަހުދީ އިޒްރޭލުން ހަމަލާ ދީ ޝަހީދު ކޮށްލާފައި ތިބި އަންހެނުންނާއި ފިރިހެންނުންނާއި ކުޑަކުދިންނާއި އަދި ތިއްތުތުއްތު ކުދިންގެ ހަށިގަޑުތަކެވެ.

ބައެއް ކަފުންތައް ކުދި ނަމަވެސް ތަންކޮޅެއް ބޮޑުކޮށް ހުރި ކަފުންތަކުގައި ވަނީ އެންމެ ހަށިގަނޑެއް ނޫނެވެ. ބޮމާއި މިސައިލް ހަމަލާތަކުގައި ކުދިކުދިވެ ޗިސްޗިސްވެފައި ވާ ގުނަވަންތަކުން ލިބުނު އެތައް ބައެއްގެ ބައިތައް އެއްކަފުނެއްގައި ވެސް ހުރީއެވެ.

"އެއީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދު ވި 62 މީހެއްގެ ހަށިގަނޑު، 25 އަކަށް ކަފުން ފެންނަން އޮތަސް އެއީ 62 މީހެއްގެ ހަށިގަނޑު، ގުނަވަންތައް ވަކިވެ ޗިސްޗިސް ވެފައިވާ އެތައް ހަށިގަނޑެއް، ހާއްސަކޮށް ކުދަކުދިން އެތިބީ އެއްކޮށް"
ގާޒާ މީޑިއާ އޮފީހުގެ ތަރުޖަމާން ސަލާމާ މާރުފު

އޭނާ އިތުރަށް ބުނެލިއެވެ. "އެމީހުންނަކީ ކޮންބައެއްކަން މިދުނިޔޭގައި ނޭނގުނު ނަމަވެސް ސުވަރުގޭގައި އެނގޭނެ" އެވެ.

އޮކްޓޯބަރު 7 ގެ ހަމަލާ ފެށި ދުވަހުން ފެށިގެން އަލް ޝިފާ ހޮސްޕިޓަލްގެ މޯގް ވަނީ ފުރިފައެވެ. ވައްދާނެ އިތުރު ތަނެއް ނެތިގެން، ހަށިތައް ބަހައްޓަން ހެދި ޓެންޓްތައްވެސް ވަނީ ފުރިފައެވެ. 4000 އެއްހާ ކުޑަކުދިން ހިމެނޭ އިރު 2000 އަންހެނުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިޒްރޭލުން ޝަހީދު ކޮށްލި މީހުން ވަޅުލާން ގެންދަން ޓްރަކަކަށް އަރުވަނީ / ފޮޓޯ: އަލް ޖަޒީރާ

ޝަހީދު ވެފައި ތިބީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް ވޮލަންޓިއަރުން އެއްވެފައި ތިބީ މައްޔިތުންނަށް މިދުނިޔޭގައި އަދާ ކުރެވޭނެ އެންމެ ފަހުގެ އިހުތިރާމް އަދާކޮށް ވަޅުލައިދިނުމަށެވެ. އެ ހަށިގަނޑުތަކަކީ ހުކުރު ދުވަހުގެ ރޭ ކަނުއަނދިރީގައި ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދު ވި މީހުންނެވެ. ކޮން ބައެއްކަން ވެސް ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް ހަށިގަނޑުތައް ހުރީ ހަލާކުވެފައެވެ.

އިހުތިރާމް އަދާކޮށް ވަޅުލާން ވޮލަންޓިއަރުން ހަރަކާތްތެރިވަމުން ދާއިރު އެ ނުލަފާ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެގެން ގެންނަ އެތައް ބައެއްގެ ހަށިގަނޑުތައް އޭރުވެސް ހޮސްޕިޓަލަށް ގެންނަމުން ވެެސް ދިޔައެވެ. އެއްބަޔަކު ވަޅުލައި އެޖާހަ ހުސްކޮށް ކަފުނަށް ލެވެންދެން އަނެއް ބަޔަކު ބައިތިއްބަނީއެވެ.

"އެރެއާއި އަނެއް ދުވަހު ގެނައި އެއްވެސް ހަށިގަނޑެއްގެ ގުނަވަންތައް ހަމައެއް ނޫން، އެއް ކަފުނެއްގައި 6 ކުދިންވެސް ވެއްޖެ، ފެންނަން ހުރި ބައިތައް އެއްކޮށްލާފައި"
ސަލާމާ މާރޫފު

މާރުފު ބުނީ، ކަރަންތް ކަނޑާލައި މުވާސަލާތީ ހިދުމަތް ކަނޑާލައި އިޒްރޭލުން ހިންގީ ގަތުލުއާންމެއް ކަމަށާއި އެއީ ނަސްލުނައްތާލުމުގެ ނުބައި ޖަރީމާއެއް ކަމަށެވެ.

އެންމެންގެ މައްޗަށް އަވަސް ކަށުނަމާދެއް ކޮށް، ހާމައަށް އޮތް ޓްރަކަކަށް ހަށިގަނޑުތައް އަރުވާ ގެންގޮސް ވަޅުލީ، އިމަޖެންސީގައި މީހުން ވަޅުލާ ސަރަހައްދުގައެވެ. އެއް ވަޅުގަނޑެއްގައެވެ.

އޭނާ އިތުރަށް ބުނީ، އެމީހުންނާ މެދު މި ލާއިންސާނީ ޖަރީމާ ހިންގި މީހުންނާއި އެ މީހުން ހުއްޓުވަން މަސައްކަތް ނުކޮށް ތިބި ފަރާތްތައް [ލީޑަރުން] ތާރިހުގައި ލިޔެވިގެން ދާނެ ކަމަަށެވެ.