އެމެރިކާގެ މަދަދާއެކު ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް 4 ވަނަ ހަފްތާއަކަށް އެޅިފައި ވާ އިރު، 2019 އިން ފެށިގެން ދުނިޔޭގެ އެތަން މިތާނގައި ހިނގި ހުރިހާ ހަނގުރާމައެއްގައި ނުމަރާހާ ގިނަ ކުޑަކުދިން ޝަހީދު ކޮށްލައިފި ކަމަށް ސޭވް ދަ ޗިންޑްރަން އިން ބުނެފިއެވެ.

މިހާތަނަށް 3،228 ކުދަކުދިން ޝަހީދު ކޮށްލާފައި ވާ އިރު އެއީ ކޮންމެ 10 މިނެޓަކުން ކުއްޖެކެވެ. އޭގެ ތެރޭގައި ހިމެނެނީ ގާޒާއިން ޝަހީދު ކޮށްލި 3،195 ކުދިންނާއި ހުޅަނގު އައްސޭރިން ޝަހީދު ކޮށްލި 33 ކުދިންނެވެ.

ސޭވް ދަ ޗިންޑްރަން އިން ބުނީ މިއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި 2019 އިން ފެށިގެން ދުނިޔޭގެ 20 ގައުމެއްގައި ހިނގާފައި ވާ އަސްކަރީ ކުރިމަތިލުންތަކުގައި މަރުނުވާހާ ގިނަ އަދަދެއްގެ ކުޑަކުދިން އެންމެ 3 ހަފްތާއިން ފަލަސްތީނުން ޝަހީދު ކޮށްލާފައި ވާ ކަމަށެވެ.

ގާޒާގައި މިހާތަނަށް ޝަހީދުވި 8005 މީހުންގެ ތެރެއިން 40 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި އެއީ ޔަހުދީ އިޒްރޭލުން ހިފާފައި ވާ ފަލަސްތީނުގެ ހުރިހާ ސަރަހައްދުތަކެއްގައި ހިންގި ޖަރީމާތަކުގައި ޝަހީދު ކޮށްލި އަދަދަށް ވުރެ 3 ގުނަ އިތުރު އަދަދެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ފަށާކަން އިއުލާން ކޮށް ގާޒާގެ ތެރެއަށް ވަދެގެންފައި ވާ އިރު، އެ އޮޕަރޭޝަންގައި 'ހަމާސް ނައްތާލަން ކަމަށް ބުނާއިރު' އެކަން ވާން އޮތީ ގާޒާގެ އެއްކޮޅުން އަނެއް ކޮޅަށް ބުލްޑޯޒަރު އަޅާ، މުޅި ތަން ބިމާ ހަމަކޮށްގެން ކަމަށާއި އެމަގަށް އެކަން ކުރަން ވެއްޖެ ނަމަ، މިހާރުވެސް ދާނެ ތަނެއް ނެތި ގާޒާގައި ތާށިވެފައި ތިބި އެތައް މިލިއަން ކުދަކުދިންގެ ފުރާނަ ނުގެއްލި ނުދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އިތުރު ފުރާނައެއް ނުދަނީސް ވަގުތުން ހަނގުރާމަ ހުއްޓާލަން އެ ޖަމާއަތުން ގޮވާލާފައި ވެއެވެ.

ޒަހަމްވި މީހުންގެ އަދަދު 21،000 އިން މައްޗަށް އަރާފައި ވާ އިރު ޒަހަމްވި މީހުންގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނާއި ޒުވާނުންނެވެ. ގާތްގަނޑަކަށް 80 ޕަސެންޓަކީ 25 އަހަރުން ދަށުގެ އުމުރުފުރާއެވެ. އެންމެ ކުޑަކުދިން ކަމަށް ބަލާ އުމުރުފުރާގެ 6360 ކުދިން ގާޒާއިން ޒަހަންވެފައި ވާ އިރު ހުޅަނގު އައްސޭރީން 180 ކުދިން ވަނީ ޒަހަމްވެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވާ މީހުންނާއި ހިޔާވަހިކަން ހޯދަން ވަދެތިބި މީހުންނާއެކު ޖުމްލަ 14،000 މީހުން ތިބި ގާޒާގެ އަލް ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު އިއްޔެ އާއި ރެއިން ފެށިގެން ހޮސްޕިޓަލާ ދާދި ގާތަށް އިޒްރޭލުން ބޮން އަޅާފައި ވާ އިރު އެ ހޮސްޕިޓަލްގެ އިންކިއުބޭޓަރުގައި އޮކްޓޯބަރު 7، 2023 ގެ ފަހުން އުފްނަވި 130 ކުދިން އެބަތިއްބެއެވެ. އެއީ ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އިރު ދުނިޔޭގެ އަލިކަން ދެކެފައި ވާ ކުދިންނެން ނޫނެވެ. 10 ވެންޓިލޭޓަރު ވަނީ 10 ކުދިންނަށް ގުޅާފައެވެ. ހޮސްޕިޓަލްގައި ފައި ޖައްސާލެވެން އޮތް ތަނެއް ވިއްޔާ ފުރިފައި ވަނީ ޒަހަމްވި ކުދިންނައިގެންނެވެ.

އެތަން ގޮއްވާލަން އިންޒާރު ދިނީ، ހަމާސްގެ މުޖާހިދުންގެ އޮޕަރޭޝަން އެތަނުން ހިންގާ ކަމަށް ބުނެއެވެ.