ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މި ވަގުތު ހިމެނޭ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް އިއްޔެ ކޮމިޝަނުން އާންމުކޮށްފައިވާ ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މީހުންގެ ލިސްޓް އަލުން އާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށާއި މި ލިސްޓު އެކޮމިޝަނުގެ ވެބްސައިޓް އިން ފެންނާނެ ކަމަށް އީސީން ބުނެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މަޢުލޫމާތު އަނެއްކާވެސް ކޮމިޝަނުން ޢާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްޙަކަން ކަށަވަރު ކުރުމަށް. އެމީހާއަށް ނޭނގި ޕާޓީއަށް ވެއްދުމާއި، ނޭނގި އެއް ޕާޓީން އަނެއް ޕާޓީއަށް ޕާޓީތަކުގެ މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުންދާތީ.
ހަބީބު

ހަބީބު އިތުރަށް ވިދާޅުވީ، ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PP ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަންބަރު ޖަހާފައި 1414 އަށް މެސެޖުކުރުމުން ފެންނާނެ ކަމަށެވެ.

ހަބީބު ވަނީ ސިޔާސީ ޕާޓީއެއްގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތް ނަަމަ ޝަކުވާ ހުށަހެޅުމަށް އެދިފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުން ކުރާނީ "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ކަމަށާއި މި ފޯމު ކޮމިޝަނުގެ ވެބްސައިޓުން އަދި ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެ ޝަކުވާ ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 އާ ހަމައަށް ކަމަށާއި އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ފޯމު ފޮނުވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، ދަ ޑިމޮކްރެކްޓްސް، އެމްއާރްއެމް، އެމްޑީއޭ އަދި އެމްޓީޑީއެވެ.