ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެޖެންޑާކުރުމަށް ފަހު، ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމާ ގުޅޭ ގަރާރަށް ބަހުސްކުރުމަށް އިއްޔެ އަށް އެޖެންޑާކުރި ނަމަވެސް، ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ އީވާ ވަނީ ސަލާމް ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ އިއްޔެ ބޭއްވޭ ގޮތް ނުވުމުން މިއަދަށް އެ ގަރާރަށް ބަހުސްކުރުމަށް އެޖެންޑާކުރީއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އީވާ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލް ކަމަށެވެ.

"ސެކްރެޓަރީ ޖެނެރަލް ވަނީ އީވާ ސަލާމް ވިދާޅުވީމާ ޖަލްސާ ކެންސަލްކުރައްވާފަ، ކެންސަލް ކުރެއްވީ އެސްޖީ އާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،" ޒިޔާއު ފޮނުއްވި މެސެޖުގައި ވެއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާ ނޯންނާނެ ކަން އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމުން، އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށް، އިދާރީ މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، އެވަގުތު އިދާރީ މޭޒުގައި އިންނެވި ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އާ ޒުވާބުކޮށް، ފިލްޒާގެ ފޯނު ހަލާކު ކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ގުޅޭ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެންފި ނަމަ، ދެން ހަދާނެ ގޮތެއް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންވެ، ނިއުޝާ ޖަލްސާ ކެންސަލްކުރައްވަން ނިންމެވީ މަޖިލީހުގެ ގަވައިދަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ނަމަވެސް ނިއުޝާގެ ނިންމުމާ ނުރުހި، އެމްޑީޕީގެ ފަރާތުން ވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އީވާ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.