މިނިވަން މެންބަރެއްގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.
ޕީއެންސީ އަށް ސޮއިކުރެއްވުމަށް ފަހު ނަސީމްގެ ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށެވެ.
ނަސީމް ޕީއެންސީ އަށް ސޮއިކުރެއްވުމާ އެކު، މަޖިލީހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ ނުވަޔަކަށް އިތުރުވެފައެވެ. އޭނާ ޕީއެންސީ އަށް ސޮއިކުރެއްވީ 19 ވަނަ މަޖިލިސް ނިމެން ގާތްގަނޑަކަށް އެއް ދައުރަށް ވެފައި ވަނިކޮށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ދެން ސިޔާސީ ޕާޓީތައް އެކުލެވިގެންވާނީ މިފަދައިންނެވެ.
- އެމްޑީޕީ: 55
- ޑިމޮކްރެޓުން: 13
- ޕީޕީއެމް / ޕީއެންސީ: 9
- އެމްއެންޕީ: 3
- ޖުމްހޫރީ ޕާޓީ: 2
- އެމްޑީއޭ: 2
- ވަކި ޕާޓީއަކަށް ނިސްބަތްނުވާ: 2
ނަސީމް ޕީއެންސީ އަށް ސޮއިކުރެއްވީ އެ ޕާޓީ އަށް މަޖިލީހުގެ ބައެއް މެންބަރުން ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އިންތިހާބީ ރައީސް އަދި ޕީއެންސީގެ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.