'މައުންޓް އަރާރަތު އެންޑް ނޫހުސް އާކް ޓީމް' އިން ކުރި ދިރާސާތަކަށް ފަހު ނޫހުގެފާނުގެ ނާކޮޅު ކަމަށް ޔަގީނާ ގާތަށް ޔަގީންވާ ނަތީޖާތަކެއް ހާމަކޮށްފިއެވެ.

ތުރުކީގެ 3 ޔުނިވާސިޓީ އަކާއި އެމެރިކާގެ ޔުނިވާސިޓީއެއްގެ މައްޗަށް އެކުލެވޭ ދިރާސާ ޓީމަކުން 2021 ގައި ފެށި ދިރާސާގައި، ނޫހުގެފާނު ނާކޮޅު ބީއްސާލެއްވި ކަމަށް ބެލެވޭ ފަރުބަދައިން ވަނީ ސާމްޕަލް ނަގާ ދިރާސާ ކޮށްފައެވެ. އެފަރުބަދައިން ވެއްޔާއި ގަލުގެ ސާމްޕަލް ނަގާ ކުރި ދިރާސާ އަށް ފަހު އާކިއަލޮޖިސްޓުންގެ ޓީމުން ބުނެފައި ވަނީ، ކްލޭގެ އަސަރާއި، ކަނޑުން ފެންނަ މައުދަންގެ އަސަރާއި ސީފްޑްގެ އަސަރު ފެނިފައި ވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުން އެނގުނީ 3000 ބީސީ އާއި 5500 ބީސީ އާ ދެމެދުގެ މުއްދަތެއްގެ އަސަރު ހުރިކަން ކަމަށް ވެސް ބުނެފައި ވެއެވެ.

އީރާނާއި ތުރުކީ ބޯޑަރުގައި އޮންނަ އާގްރީ ސަރަހައްދުގައި ހުންނަ 16500 ފޫޓު އުސް އަރާރަތު ފަރުބަދައިގެ މަތިން ފެނުނު ބޯޓެއްގެ ބައްޓަމަށް އޮތް ސަރަހައްދަކީ ނާކޮޅު ބީއްސާލެއްވި ތަން ކަމަށް ބެލެވެކަމަށް ވެސް ބުނެފައި ވެއެވެ.

ނޫހުގެ ވާހަކައިގައި އަންނަ ގޮތުން އެކަލޭގެފާނު 150 ފޫޓުގެ ނާކޮޅެއް ބަންނަވައި އެއަށް ދޫނި ސޫފާސޫއްޕާއި ޖަނަވާރުން ކުރެ ކޮންމެ ވައްތަރަކުން ޖޯޑެއް ލެއްވިއެވެ. އެއީ މީގެ 5000 އަހަރަށް ވުރެ ކުރިން [ނޫހުގެފާނުގެ ޒަމާނުގައި] މުޅިދުނިޔެ ބަންޑުން ޖެއްސެވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިފައި ވާ ކަމެކެވެ.

މައުންޓް އަރާރަތު ނުވަތަ އަރާރަތު ފަރުބަދަ އަކީ މިހާރު ތުރުކީގެ އިތުމަތީ ބިތުގައި ހުންނަ ފަރުބަދައެކެވެ.

ޕްރޮފެސަރު ފާރޫކް ކަޔާ ވިދާޅުވީ، މިހާތަނަށް ހޯދުނު ހޯދުންތަކުން އެ ފަރުބަދައިގެ ވަށައިގެން މީހުން ދިރިއުޅެފައި ވާ ކަމުގެ ނިޝާންތައް ވެސް ފެނިފައި ވާ ކަމަށާއި އެއީ 3000 ބީސީ އާއި 5000 ބީސީ އާ ދެމެދުގެ ތާރީހެއް ކަމަށް އެނގިވަޑައިގެންފާ ވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ސާމްޕަލްތަކުގެ އަލީގައި ލެބޯޓަރީ ޓެސްޓްތަކުގެ ނަތީޖާ ކަމަށާއި ނޫހުގެފާނުގެ ނާކޮޅު ބީއްސަވާލެއްވީ އެފަރުބަދަ މަތީގައި ކަމަށް ނިންމަނީ ނޫން ކަމަށެވެ.

ނޫހުގެފާނުގެ ނާކޮޅަކީ ބޯޓެއްގެ ބައްޓަމަށް އޮތް އުޅަނދެއް ކަމަށް ވާއިރު، އެ ނާކޮޅު ބީއްސަވާލެއްވި ކަމަށް ބުނާ ގިނަ ސަރަހައްދުތަކެއްގެ ފޮޓޯތައް އެކި ފަރާތްތަކުން އާންމު ކޮސްފައި ވެއެވެ.

މާތް ﷲ ސުބަހާނަހޫ ވަތައާލާ ނޫހް އަލަހިއްސަލާމްއަށް ނައު ކޮޅެއް ބަންނަވަން އެންގެވީ ނޫހްގެ ފާނުގެ ގައުމުގެ މީހުންނަށް ބާއްވާލެއްވި ކޯފާއިން އެކަލޭނގެފާނާއި އެކަލޭނގެ ފާނަށް ތަބާވި މަދު މީސްކޮޅު ސަލާމަތްކުރުމަށެވެ.

ނޫހްގެ ފާނަކީ މި ބިންމަތީގައި އެންމެ ގިނަ ދުވަސްވަންދެން ރަސޫލުކަން ކުރެއްވި އެއް ބޭކަލަށް ވީ އިރު އެކަލޭނގެފާނަށް ތަބާވި މީހުން ވަރަށް މަދެވެ. އެހެން ނަމަވެސް އެކަމުން ހިތްވަރުފުޅު ދޫނުކުރައްވާ މާތް ﷲގެ ހިދާޔަތް މީސްތަކުންނާއި ހަމައަށް ގެނެސްދެއްވުމަށް އެތަށް ސަތޭކަ އަހަރެއް އެކަލޭނގެފާނު ހޭދަކުރެއްވިއެވެ.