ދިވެހިންނަކީ އަބަދުވެސް އާ ތަންތަން ބަލާލުމާ، އާ ތަޖުރިބާތައް ކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރީތި މަންޒަރުތައް ހަމަ ލޮލުން ބަލާލުމަށް ޝައުގުވެރިވާ ބައެކެވެ. ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށް އެ ތަންތަނުގެ ސަގާފަތާއި އެތަންތަނުގެ ރީތި މަންޒަރުތަކުން ސޯޝަލް މީޑިއާ ފުރާލާއިރު، އެފަދަ ތަންތަނުގެ ތާރީހަކީ ވެސް ގިނަ ދިވެހިންނަށް ވަަރަށް މުހިއްމު އެއްޗެކެވެ.

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް ދޫކޮށްލާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ހާއްސަކޮށް ކޮންމެ މުސްލިމަކު ވެސް ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެއް ހިމެނޭނެއެވެ.

އިސްތަންބޫލުގެ ދަ ބްލޫ މިސްކިތް

މިގޮތުން މިއަދު މި ގެނެސްދެނީ އިސްތަންބޫލުގެ 'ދަ ބްލޫ މިސްކިތާ' ގުޅޭ އަޖައިބުކުރުވަނިވި ވާހަކައެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެންމެ ހައިރާން ކުރުވަނިވި ގިނަ މަންޒަރުތައް ފެންނަ ތަނަކަށް ވާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒަރުތަކަކީ ދަ ބްލޫ މިސްކިތް ހުންނަ ތަނެވެ.

ސުލްތަނަހުމަތު މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ ބްލޫ މިސްކިތަކީ އިސްތަންބޫލްގެ އެންމެ އައިކޮނިކް އެއް ލޭންޑްމާކް އަދި އިސްލާމީ އާކިޓެކްޗާ އާއި ތާރީހަށް ޝައުގުވެރިވާ ދަތުރުވެރިން ޒިޔާރަތް ކުރަން ޖެހޭ މަންޒިލެކެވެ. އިސްތަންބޫލްގެ ހިތްކަމުގައިވާ ސުލްތަނަހްމެޓް ޑިސްޓްރިކްޓްގައި ހުންނަ މި ރީތި މިސްކިތަކީ ޓައިލްސްގެ މުއްސަނދި މަސައްކަތާއި ދިރުމެއް ހުރި ބްލޫ ޑޯމްގެ ސަބަބުން މަޝްހޫރު މިސްކިތެކެވެ. މި މުއްސަނދި މަސައްކަތާއެކު އެ ސިޓީގެ އުޑުމައްޗަށް ތަފާތުކަމެއް ލިބިގެންވެއެވެ.

އިސްތަންބޫލުގެ ދަ ބްލޫ މިސްކިތް

މި މިސްކިތަކީ 1609-1616 އާ ދެމެދު އުސްމާނީ ސުލްތާން އަހްމަދު އަލްމަރުހޫމް ބިނާކުރެއްވި މިސްކިތެކެވެ. މިއީ އުސްމާނީ ސަގާފީ އާކިޓެކްޗަރުންގެ އެންމެ މުހިންމު އެއް މިސާލެއްގެ ގޮތުގައި ބެލެވޭ މިސްކިތެވެ. މި މިސްކިތުގެ އެތެރެ 20،000 އަށް ވުރެ ގިނަ އަތުން ކުލަ ޖަހާފައިވާ ސެރަމިކް ޓައިލްސް އިން ނިވާކޮށްފައިވާއިރު، އެ ޓައިލްސްތަކުގައި މާ އާއި ޖިއޮމެޓްރިކް ފަރުމާތަކުގެ އިތުރުން ކީރިތި ޤުރުއާނުގެ ކަލިގްރަފިކް ލިޔުންތައް ވެސް ހިމެނެއެވެ.

މިތަން ބަލާލުމަށް އިސްތަންބޫލަށް ޒިޔާރަތް ކުރަން އެންމެ ރަނގަޅު ވަގުތަކީ އާންމުކޮށް އެޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށެވެ. އަދި ސެޕްޓެމްބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށްވެސް މޫސުން ތަންކޮޅެއް ރަނގަޅުވާނެއެވެ. އެ ސަރަހައްދަކީ އަބަދުވެސް މީހުން ޒިޔާރަތްކުރާ ހަލަބޮލި ސަރަހައްދަކަށްވާއިރު އެއްވެ އުޅޭ މީހުންނާ ދުރުހެލިވެ، އާކިޓެކްޗަރަލް ވަންޑަރު އިން ލިބޭ އިންސްޕިރޭޝަން ހަމަޖެހުމާއި އެކު ހަގީގަތުގައި އިހުސާސް ކުރަން ބޭނުންނަމަ، ޒިޔާރަތް ކުރަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ނުވަތަ ހަވީރު ގެ ވަގުތުގައެވެ.

މިއަދު ބްލޫ މިސްކިތަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ވެފައިވަނީ އެތަނުގެ ސަގާފަތާ، އުސްމާނީ ދައުލަތުގެ ތާރީހުގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު އެތައް ހާސްބަޔަކު އެތަނަށް ޒިޔާރަތްކުރަނީ ހަމައެކަނި އެ ސަރަހައްދުގެ ރީތި މަންޒަރު ބަލާލުމަށް އެކަންޏެއް ނޫނެވެ. ދަ ބްލޫ މިސްކިތުގައި ނަމާދުކޮށްލަން އެތަނަށް ދާ މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ.