އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން މުހައްމަދު އަމީނު ލަންކާއަށް ވަޑައިގަތެވެ.

އޭރު އަމީން ދީދީގެ ވެރިކަމަށް ވީ، 7 މަހާ ދުވަސްކޮޅެކެވެ.

އޭޕްރީލް 7، 1943 ގައި ހޯމްއެފެއާޒް މިނިސްޓަރު ކަމުން ފެއްޓެވި ހިދުމަތުގައި މެއި 31، 1951 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގަތެވެ. އޭރު އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކަށް އަމީން ވެވަޑައިގަތީ ޖެނުއަރީ 1، 1953 ގައެވެ.

ގިނަ ދުވަހެއް ނުވެ، އެއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އަމީން ދީދީގެ ވެރިކަން އިންގިލާބު ކޮށްލިއެވެ.

އަމީން ދީދީގައި ލަންކާގައި ހުންނެވި ވަގުތު ބައްލަވައި ނައިބު ރައީސަކަށް ހުންނެވި ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ (އިބްރާހިމް ދީދީ) އިސްވެ ހުންނަވައިގެން އޭނާއާ ބައިވެރިވި ބައެއް ބޮޑުންނާއެކު ހިންގި 'ހިމޭން އިންގިލާބު' ވަރުގަދަކޮށް އަމީން ދީދީ ރާއްޖެ ވަޑައިގެން ދޫނިދޫގައި ހުންނެވުމަށް ފަހު މާލެ ވަޑައިގަންނަވާ ވަގުތަށް ގުޅަކުޅޭ ފަސްގަނޑަށް މާލެ ތެރެއިން މީހުން އެއްކުރިއެވެ.

އެމީހުންނަށް އޭރުގެ ބޮޑުން ވަސްވާސް ދީ ވިސްނައި ދެމުން ގެންދިޔައީ، އަމީން ދީދީގެ ވެރިކަމުގައި ދުންފަތް ކޮންޓްރޯލް ކުރުމުން އަމީންދީދީގެ ކަންތައް ބޮޑު ބަލާމުސީބާތަކަށް ވެއްޖެ ކަމަށާއި، އެ ވެރިކަމުގައި އަދަބު ލިބި ހުރަގެއަށް ލީ ބައެއް މީހުންނަށް އަދަބު ލިބިފައި ވަނީ އިންސާފުން ނޫން ކަމަށާއި މިފަދަ އެތައް ސަބަބަހާ ހުރެ އަމީންދީދީ ވެރިކަމުގައި ބެހެއްޓޭކަށް ނެތް ކަމަށެވެ. އޭރުވެސް ބޮޑުންގެ ފަރާތުން އަމީން ދީދީއަށް ދެމުން ގެންދިޔަ މެސެޖަކީ 'ރައްޔިތުން ތިބީ ރުހިގެން' ކަމަށެވެ.

އެ ނުބައި މެސެޖާއެކު އޮޅުމެއްގެ ތެރޭގައި ހުންނަވައި އަމީން ދީދީ މާލެ ވަޑައިގަތުމަށް ގަސްދުކުރެއްވިއެވެ. އަދި އެ މަގަށް ކަންކަން އިންތިޒާމު ކުރުމުގައި އޭރުގެ ނައިބުރައީސްގެ ހީލަތްތެރި ރޭވުން ބޮޑުދައުރެއް އަދާކުރިއެވެ.

އެ ރޭވުމުގައި ނައިބުރައީސް ފުރިހަމައަށް ބައިވެރި ކުރުމުގައި އިބްރާހިމް ޒަކީ، މުހައްމަދު ޒަކީ އަދި އިބްރާހިމް ނާސިރު މުހިންމު ދައުރެއް އަދާ ކުރިކަމަށް ތާރީހީ ސޮފްހާތަކުން ފެންނަން އެބައޮތެވެ.

އަމީން ދީދީ މާލެ ވަޑައިގަންނަވާ ވަގުތަށް މާލެ ތެރެއިން މީހުން އެއްކުރުމުގެ ކުރިން އަމީން ދީދީއަށް ސަޕޯޓް ކުރާ އަދި ގާތް މީހުން ހައްޔަރު ކުރުމުގެ ހަރަކާތެއްވެސް ހިންގިއެވެ. އަދި ހާއްސަ މަޖިލީހެއް ބާއްވާ އަމީންދީދީގެ އިތުބާރު ނެތްކަމަށް ފާސްކޮށް ވަގުތީ ގޮތުން ހުރިހާ ބާރެއް ނެންގެވީ އިބްރާހިމް ދީދީއެވެ.

އަމީން ދީދީ މާލެ ވަޑައިގަތް ވަގުތު، މަރުހަބާ ދަންނަވާނެ ބަޔަކު ފާލަމަށް އެއްވެފައި ނެތުމުން މާލެ ތެރޭގެ ހާލަތު އެމަނިކުފާނަށް ވަޒަންކޮށްލެވުނެވެ. ނަމަވެސް އޭރު މާބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެއެވެ.

ދުވަހަކީ ހުރުކު ދުވަހެވެ. މިހާރުގެ ސަލްޓަންޕާކް ހުރި ބިމަކީ ގުޅަކުޅޭ ފަސްގަނޑެވެ. ނޮވެމްބަރު 3 ގެ މޮނިއުމަންޓް އެ ހުރީ އޭރުގެ އަސްކަރީ މަރުކަޒު ހުރިތާނގައެވެ.

އަމީން ދީދީ ގެނައި އިރު ރުޅިއަރައިގެންފައި ތިބި ރައްޔިތުން ތިބީ ބުޅާ މަސްގަނޑަށް ބަލާހެން މަސްތުވެފައެވެ. ގޮވަމުން ދިޔައީ ޖުމްހޫރިއްޔާއެއް ބޭނުން ނުވާ ކަމަށާއި ދީނާއި އަދުލު އިންސާފުގެ އަސާސްތައް އަމީންދީދީ ނައްތާލައިފި ކަމަށެވެ. އެހެން ކަމުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހިމް މުހައްމަދު ދީދީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އާންމުން ގޮވަމުން ދިޔައެވެ. އަދި އަމީން ހަވަރަށް ދިނުމަށާއި، ހަރަދު ބޮޑު ސަރުކާރެއް ބޭނުން ނުވާކަމަށާއި ރައްޔިތުންނާއެކު ވެރިކަން ކުރާނެ ލީޑަރަކު ބޭނުންވާކަމަށް ގޮވަމުން ދިޔައެވެ.

ހުކުރުން ފޭބިގޮތަށް ތައްޔިރުން ގުޅަކުޅޭ ފަސްގަނޑުގައި ތިބި ހޯބޯލަވާ އަޑުގަދަކޮށް އަމީން ހަވަރަށް ދޭން ގޮވާ ހަދަމުން ދިޔަ އިރު އޭރުގެ ބޮޑުންވެސް ތިއްބެވެ. އަދި އޭރު އަމީންދީދީ އާ ގާތްކަމަށް ފާހަގަ ކުރެވުނު އެތައް ބަޔަކަށް ވަގުތުން ހުކުމް ތަންފީޒުކޮށް މާލެއިން ބޭރަށް އަރުވާލިއެވެ.

އަމީން ދީދީ މާލެ ގެނެސް ޝަރީއަތް ހިންގާ، ހަވަރަށް ދިނެއެވެ. ރުޅި އައިސްފައި ތިބި އާންމުން އަމީންގެ ގައިކޮޅުގައި ތަޅާ އަނިޔާ ކުރިއެވެ. ލޭ އޮހޮރުވާލައި ޖިސްމާނީ އެތައް އަނިޔާއެއް ދިނެވެ. އޭގެ ތެރެއިން އެކަކު އަމީންދީދީގެ ކުރިމަތިފަރާތްޕުޅުގައި ވެސް ޖެހިއެވެ. އަމީން ވިދާޅުވެފައި ވަނީ، އެމީހާ ނޫން ދެން އެންމެންގެ މައްޗަށް ހިތް ސާފު ކަމަށެވެ.

އަމީންދީދީ އަވަހާރަވީ އެ އަނިޔާތަކުގައި އޮންނަވައި ދޫނިދޫގައެވެ.

މިއަދު އަމީން ދީދީއަށް ހެދިގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ހިތްވަރުދީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދައްކަވަނީ، އަވާމެންދުރެއް ފެނިގެން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެމީހުން ބުނަނީ، 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ފައްޔާޒަށް ހީވަނީ، މިއީ 1953 ކަމަށެވެ. އޭރު ކަން ހިނގި މަގުން މިހާރު ކަން ހިނގުމަކީ ދުވާލު ހުވަފެން ބެލުން ފަދަ ކަމެއް ކަމަށާއި، މިއަދުގެ ރައްޔިތުންނަށް ވާނުވާ މާބޮޑަށް ވެސް ސާފުވާ ކަމަށެވެ.

ދުންފަތާއި އޭގެ ބާވަތްތަކަކީ ސިއްހީގޮތުން އެތައް ނުރައްކަލެއް ހުރި އަދި ގެއްލުން ބޮޑު އެއްޗެއްކަން އެންމެނަށް އެނގެއެވެ. ދުންފަތުގެ ބާވަތްތައް މަނާކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ރައްޔިތުން މިންޖު ކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކޮށް، އުފާވެރި ދިރިއުޅުމުގެ ތަޅުތަނޑިކަން އެނގެއެވެ. ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ތިޖޫރީ ކަހާލައިގެން މިހާރު ނުދެވޭނެ ކަމާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހަމަޖެއްސުމަށް ބޭރުފައިސާގެ ތިޔާގިކަން އިތުރު ކުރަން ޖެހޭކަން އެންމެން ދަނެއެވެ.

އެހެން ކަމުން، ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން ވާވައްދައި، އަމީން ދީދީއަށް ހެދިހެން ހަދަން ހިތްވަރުދީ ފައްޔާޒާއި އެކެއް ދެމީހަކު ވާހަކަ ދެއްކުމަކީ ރައްޔިތުންގެ ކުރިމަތީގައި އެމީހުން ފަޟީހަތްވެގެން ދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.