އެއީ 1962 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެކެވެ. ދެކުނުގެ އެންމެ ތަނަވަސް އަދި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ރަށް ކަމަށްވާ ގދ. ތިނަދޫގެ ފަޅުން ބޭރުގައި ސަރުކާރުގެ ހަތިޔާރު އެޅި އުޅަނދެއް ކަމަށްވާ "ސިލްވަރ ކްރެސްޓް" އޮތެވެ. ރަށުގެ ރައްޔިތުން ތިބީ ރަށުގެ ބަނދަރުމަތީގައި ވެލިން ހަދާފައިވާ 400 ފޫޓު ދިގު، ހަތަރު ފޫޓު އުސް ފަސްބަނޑިއެއްގެ ފަހަތުގައެވެ. އޭރު ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގައި ހުންނެވި އިބްރާހީމް ނާސިރު އިސްވެ ހުންނަވައި ހިންގެވި މި އޮޕަރޭޝަނަކީ، ދިވެހި ތާރީހުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަދި އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް ހާދިސާގެ ފެށުމެވެ.

މި ހާދިސާއަށް 60 އަހަރު ވެފައިވާއިރު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އާއިޝަތު ފަތުހީ ބުނި ގޮތުގައި، 30 މީހެއްގެ ފަރާތުން ހެކިބަސް ނަގާފައިވާއިރު، ކުރިން ނީވޭ އެތައް ވާހަކަތަކެއް ވަނީ ތިލަވެފައެވެ. މިއީ ގައުމީ މަސްލަހަތު ހިމެނޭ 7 މައްސަލައިގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދިޔަ ތަހުގީގެކެވެ. މި ތަހުގީގުގެ ސަބަބުން، ތިނަދޫން މީހުން ބޭލުމުގެ ހާދިސާގެ ފަހަތުގައިވާ ސަބަބުތަކާއި، އެކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަލުން އަލިއަޅުވާލުމަށް ވަނީ މަގުފަހިވެފައެވެ.

ދެކުނުގެ ބަގާވާތާއި ސުވާދީބު ޖުމްހޫރިއްޔާ

ތިނަދޫން މީހުން ބޭލުމުގެ ހާދިސާ ގުޅިފައިވަނީ އޭރު ދެކުނުގެ އަތޮޅުތަކާއި މާލޭގެ ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލަތަކާއެވެ. އޭރު ރާއްޖެ އޮތީ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައެވެ. އައްޑޫ ގަމުގައި އިނގިރޭސިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ މަންފާ އޮތީ އިތުރުވެފައެވެ. މީގެ އިތުރުން، ހުވަދޫ އަދި އައްޑޫގެ ވިޔަފާރިވެރިން ސީދާ ސިލޯނަށް (މިހާރުގެ ސްރީލަންކާއަށް) ދަތުރުކޮށް ވިޔަފާރިކުރަމުން ދިޔައެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، މާލެ މެދުވެރިކޮށް ވިޔަފާރިކުރުމަށް ސަރުކާރުން އެންގުމާއި، ޓެކްސް ނެގުމާއި، ދަތުރުފަތުރުކުރުމުގައި ހުރަސްތަކެއް ކުރިމަތިވުމުން ދެކުނުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، 13 މާރިޗު 1959 ގައި އައްޑޫ، ހުވަދޫ އަދި ފުވައްމުލައް ގުޅިގެން "ޔުނައިޓެޑް ސުވާދީބު ރިޕަބްލިކް" ގެ ނަމުގައި ވަކި ދައުލަތެއް އިއުލާން ކުރިއެވެ. އަބްދުﷲ އަފީފް ދީދީ އިސްވެ ހުންނަވައި އުފެއްދެވި މި ދައުލަތުގެ ވެރިރަށަކީ އައްޑޫ ހިތަދޫއެވެ. ތިނަދޫއަކީ ބޮޑެތި އޮޑިފަހަރު ގެންގުޅުނު، ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ރަށަކަށް ވުމުން، އެ ރަށް ވެގެންދިޔައީ މި ހަރަކާތުގެ އެންމެ ނުފޫޒުގަދަ އެއް މަރުކަޒަށެވެ.

ސިލްވާ ކްރެސްޓްގެ އައުމާއި ހަމަލާދިނުން

ސުވާދީބު ސަރުކާރުގެ ބާރު ކަނޑުވާލުމަށްޓަކައި، ބޮޑުވަޒީރު ނާސިރު އިސްވެ ހުންނަވައި ތިނަދޫއަށް ވަޑައިގަތީ ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އޮޕަރޭޝަން ކުރިއަށް ގެންދެވުމަށެވެ. މުވާސަލާތީ ގުޅުންތައް ކުޑަ އެ ޒަމާނުގައި، ސީދާ ބޮޑުވަޒީރު ވަޑައިގަތުމަކީ ވަގުތުން ނިންމުންތައް ނިންމުމަށާއި، ދައުލަތުގެ ބާރު ދެއްކުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކާ ހަވާލާދީ އެކިއެކި ރިޕޯޓުތަކުގައި ބުނާ ގޮތުން، ސިލްވާ ކްރެސްޓްގައި 5 ރައިފަލާއި 10 ސަބްމެޝިން ބަޑި ހުއްޓެވެ.

ސަރުކާރުގެ އުޅަނދުން ވަނީ ތިނަދޫ ވަށައިގެން އުޅުނު ދޯނިފަހަރަށް ހުރަސްއަޅައި، އިންޒާރުގެ ހަމަލާތަކެއް ދީފައެވެ. އަދި ހައްޔަރުކުރެވުނު ތިނަދޫ މީހަކު ކަމަށްވާ ޒަކަރިއްޔާ މޫސާ މެދުވެރިކޮށް، އަމާންދިނުމަށާއި ސުވާދީބު ދިދަ ތިރިކޮށް ދިވެހި ދިދަ ނެގުމަށް އެންގިއެވެ. ނަމަވެސް އެކަމަށް އިންކާރުކުރުމާ ގުޅިގެން، ސަރުކާރުގެ ފައުޖުތަކުން ރަށާ ދިމާއަށް ބަޑިޖަހަން ފެށިއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ގަސްތަކަށާއި އިމާރާތްތަކަށް ވަޒަން އަރާފައިވާއިރު، ސީދާ ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރަށުން މީހުން ބޭލުމާއި ދިރިއުޅުން ހަލާކުކޮށްލުން

ރަށުގެ ރައްޔިތުން އަމާންދީ، ސުވާދީބު ދިދަ ތިރިކުރުމުން ނާސިރު ރަށަށް ފައިބައިވަޑައިގަތެވެ. ނަމަވެސް އެއަށްފަހު ހިނގައިދިޔައީ ހަމައެކަނި ބަގާވާތް ހުއްޓުވުމުގެ އަމަލެއް ނޫނެވެ. މުޅި ރަށުގެ ރައްޔިތުންނަށް ދެވުނު ޖަމާއީ އަދަބެކެވެ.

ވަކި ވަގުތެއްގެ ކުރިން ރަށުން ފޭބުމަށް ރައްޔިތުންނަށް އެންގިއެވެ. ސަލާމަތްވި މީހުން ކިޔައިދީފައިވާ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ކަރުތާފެނުގައި ފަޅުތެރޭގައި އެތައް އިރަކު ތިބެން ޖެހުނެވެ. ރަށުގެ ގެދޮރާއި، އޮޑިދޯނިފަހަރާއި، ވަޅުތަކާއި، ގަސްތައް ހަލާކުކޮށްލިއެވެ. މީގެ ބޭނުމަކީ އަލުން އެ ރަށުގައި މީހުންނަށް ދިރިނޫޅެވޭވަރު ކުރުން ކަމަށް ބެލެވެއެވެ.

ތިނަދޫގެ ރައްޔިތުންނަށް ޖެހުނީ ހުވަދޫގެ އެހެން ރަށްރަށަށް ހިޖުރަކުރާށެވެ. ބޯހިޔާވަހިކަމާއި ކާބޯތަކެތި ނެތި، އެތައް ބަޔަކު ނިކަމެތިވިއެވެ. ބައެއް މީހުން ހައްޔަރުކުރެވި، އަނިޔާ ލިބުނު ކަމުގެ ތުހުމަތުތައްވެސް ކުރެވިފައިވެއެވެ. އާއިލާތައް ވަކިވެ، ދިރިއުޅުމުގެ ވަސީލަތްތައް ގެއްލި، ރެފިއުޖީންގެ ގޮތުގައި އެހެން ރަށްރަށުގެ މީހުންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހުނެވެ.

އާބާދީއާއި މަރުވި މީހުންގެ އަދަދު

ތިނަދޫން މީހުން ބޭލިއިރު އެ ރަށުގެ އާބާދީއަކީ 4،000 އާއި 6،000 އާ ދެމެދުގެ އަދަދެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް 22 އޮގަސްޓު 1966 ގައި އަލުން ރަށުގައި މީހުން ވަޒަންވެރިވާން ފެށިއިރު އެނބުރި އައީ ގާތްގަނޑަކަށް 1،800 މީހުން ކަމަށް ބުނެއެވެ.

މި އަދަދުތަކުގެ ފަރަގަށް ބަލައި، އެތައް ހާސް ބަޔަކު މަރުވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެއީ ކަށަވަރުކުރެވިފައިވާ އަދަދެއް ނޫނެވެ. އެނބުރި ނައި މީހުންގެ ތެރޭގައި އެހެން ރަށްރަށުގައި ވަޒަންވެރިވި މީހުންނާއި، އެހެން ރަށްރަށުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅުން ބަދަލުކުރި މީހުންވެސް ހިމެނެއެވެ. އެހެންނަމަވެސް، ބަޑީގެ ހަމަލާތަކުގައާއި، ބަލިމަޑުކަމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ބަޔަކު މަރުވިކަން ތާރީހީ ހެކިތަކުން އެނގެއެވެ. މަރުވި މީހުންގެ ސީދާ އަދަދެއް މިއަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ.

އިންސާފުގެ މަގާއި މާފުކުރުން

ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ފަޅަށް އޮތުމަށްފަހު، ތިނަދޫ އަލުން އާބާދުވާން ފެށީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުންނެވެ. އަލުން އެނބުރި އައި މީހުންނަށް ޖެހުނީ ސުމަކުން ފަށާށެވެ. މިއަދު ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ، ދެކުނުގެ އިގުތިސާދީ މައި އެއް މަރުކަޒެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ތިނަދޫ ރައްޔިތުންނާ މެދު އަމަލުކުރެވުނު ގޮތާމެދު ދައުލަތުގެ ނަމުގައި މާފަށް އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ އެއްވެސް ސަރުކާރަކުން ރައްޔިތުންނާ މެދު އަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ. އިންތިގާލީ އިންސާފުގެ އޮފީހުން އެކުލަވާލާ ރިޕޯޓަކީ މި ހާދިސާގެ ހަގީގަތްތައް ރަސްމީ ސިފައެއްގައި ލިޔެވިގެންދާނެ މުހިންމު ލިޔުމަކަށް ވާނެއެވެ.

ގައުމީ ސަލާމަތް ދެމެހެއްޓުމަށް ނާސިރު އެޅުއްވި ފިޔަވަޅުތަކަކީ ބަގާވާތެއް ހުއްޓުވުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރި ނަމަވެސް، މުޅި ރަށެއްގެ އާބާދީއަށް ދެވުނު ޖަމާއީ އަދަބަކީ އިންސާފުވެރި ކަމެއްތޯ މިއީ އަދިވެސް އުފެދޭ ސުވާލެކެވެ. އިބްރާހީމް ނާސިރަކީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވައި، ޒަމާނީ ތަރައްގީގެ ބިންގާ އެޅުއްވި ލީޑަރު ކަމަށް ވިޔަސް، ތިނަދޫގެ ހާދިސާއަކީ އެ މަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ފޮހެލަން ދަތި ލަކުނެކެވެ. އެ ހާދިސާގެ ފުރިހަމަ ތެދު ހާމަވުމަކީ، އެތައް ބައެއްގެ ހިތްތަކަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާއެއް ލިބިގެންދާނެ ކަމެކެވެ.