ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ޑެންގޫހުން ޖެހި ވަޑައިގެންނަވައިފާ ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީވާއަށް ޑެންގޫ ހުން ޖެހިފައިވާ ވާހަކަ އަޑު އެހީ ހިތާމައާއިއެކުގައި ކަމަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އީވާ މިއަދުގެ ޖަލްސާ އަށް ސަލާމް ވިދާޅުވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ވަނީ ފަސްކޮށްފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތެއް މަޖިލީހުގެ ރައީސަކަށް ނުބެލެހެއްޓޭނެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގެ އެޖެންޑާ ބެލެހެއްޓުމަށް އީވާ އަށް ދަންނަވާފައިވާނެ ކަމަށާއި، ނަމަވެސް އޭނާ ޖަލްސާ ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ސަލާމް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން މާދަމާގެ ޖަލްސާ އަށް ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށް މެންބަރުންނަށް ދަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށް ފަހު މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީން އެމަނިކުފާނު ވަކިކުރުމަށް އަލުން ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅު އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު، ގާތްގަނޑަކަށް އޭގެ މަހެއްހާ ދުވަސް ފަހުން 49 މެންބަރުންގެ ސޮޔާ އެކު މި މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވާފައި ވަނީ ގަރާރު ހުށަހެޅިތާ ތިންވަނަ އަށް ވީ ދުވަހުގައެވެ.