އެއް އަހަރުން އަނެއް އަހަރަށް ކާޑުގެ މުއާމަލާތްތައް އިތުރުވަމުން އަންނަ ކަމަށާ، މިދިޔަ އަހަރު އެކަނިވެސް 18 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތު ހިންގާފައި ވާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމު ކުރި، ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކާޑު ދޫކުރަން ފެށުނީއްސުރެ މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ އިރު އޭގެ ތެރެއިން 74 ޕަސެންޓު ކާޑު އަދިވެސް ބޭނުންކުރެއެވެ.

މި ގޮތުން 48 ޕަސެންޓް ކާޑަކީ ޑެބިޓް ކާޑު ކަމުގައިވާއިރު 24 ޕަސެންޓަކީ މާސްޓާ ކާޑެވެ. އަދި 22 ޕަސެންޓަކީ އެމެރިކަން އެކްސްޕްރެސް (އެމެކްސް) އެވެ. ކްރެޑިޓް ކާޑުގެ ތެރެއިން 64 ޕަސެންޓު ވިސާ ކާޑުގެ ގޮތުގައި ބޭނުންކުރާއިރު 28 ޕަސެންޓަކީ އެމެކްސް ކާޑެވެ. މީގެ އިތުރުން ޕްރިޕެއިޑް ކާޑުގެ ގޮތުގައި ބޭންކްތަކުން ދޫކުރާ 99 ޕަސެންޓަކީ މާސްޓަކާޑެވެ.

ރާއްޖޭގައި ކާޑު މުއާމަލާތްކުރާ އަދަދު އިތުރުވަމުން އަންނައިރު، މިދިޔަ އަހަރު 46 މިލިއަން ޓްރާންސެކްޝަން ކާޑުތަކުން ކޮށްފައިވާއިރު އެއީ 18 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތެވެ. މީގެތެރެއިން ޑެބިޓް ކާޑުތަކުން 17 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގާފައިވާއިރު ބާކީ އެއް ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވަނީ ކްރެޑިޓް ކާޑުތަކުންނެވެ.

މިދިޔަ އަހަރު ބޭންކްތަކުން 750 ޑެބިޓް ކާޑު ދޫކޮށްފައިވާއިރު އޭގެތެރެއިން 64 ޕަސެންޓް ކާޑަކީ ބޭނުން ކުރަމުން އަންނަ ކާޑުތަކެވެ. ޕީއޯއެސް ނުވަތަ ކާޑު މެޝިނުން ހިންގި މުއާމަލާތްތަކުގެ އަދަދު 85 ޕަސެންޓަށް އަރާއިރު ބާކީ 15 ޕަސެންޓު ކާޑު މުއާމަލާތް ހިންގާފައިވަނީ އޮންލައިންކޮށެވެ.