"އަހަރެމެން ސްކޫލުގެ އެންމެންނަށްވެސް އެނގޭ ޔެހިއާ ދަހުދު އަކީ އަލް ޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ ވާއިލް އަލް ދަހުދު ގެ ދަރިފުޅުކަން" މިއީ ޔެހިއާގެ ކްލާސް ޓީޗަރު އޭނާގެ ވާހަކަ ފެށި ގޮތެވެ.
ޔެހިއާ ދަހުދު އަކީ ރޯސަރީ ސިސްޓާސް ސްކޫލުގެ ފަސްވަނަ ގްރޭޑްގައި ކިޔަވަމުން ދިޔަ ދަރިވަރެވެ. ހާޒިރީ ބެލި ފުރަތަމަ ދުވަހު އޭނާގެ ނަން ގޮވާލުމާ އެކު 'ލައްބަ މިސް' އޭ ބުނެލި ގޮތް އަދިވެސް ހަނދާން ހުންނަ ކަމަށް ބުނެއެވެ. ޔެހިއާ އަކީ އަބަދުވެސް އުފާވެރި ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ބަސްއަހާ، ރަނގަޅު ދަރިވަރެކެވެ. އޭނާއަކީ އަބަދުވެސް ކުޅިވަރު ކުޅެ ދުވެ ސަކަރާތް ޖެހުމަށް ފޯރި ހުންނަ ކުއްޖެކެވެ. އިންޓަވަލް ގަޑި ޖެހުމާއެކު ކުޅޭ ދަނޑަށް ދުވެފައި ދާނެއެވެ. އޭނާގެ ހަރަކާތްތައް ވަރަށް އަވަހެވެ. ބައެއް ފަހަރު ވައި ރޯޅިއަށްވުރެވެސް އަވަސްހެން ހީވާނެ ކަމަށް އޭނާގެ ޓީޗަރު ބުންޏެވެ.
ޔެހިއާގެ ވާހަކަ ކިޔައިދެމުން ޓީޗަރު ބުނީ އޭނާ އާ ދެމެދު އޮތީ ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އޮންނަ ގާތްކަމެވެ. ބައެއް ފަހަރު އެއްވެސް ކަމެއް ނުވިއަސް 'މިސް' އޭ ކިޔާފައި ގޮވާލާނެއެވެ. އަހަރެން ހެއްވާލުމަށް މަޖާ ވާހަކައެއް ދައްކާލާނެއެވެ. އަހަރެން ގެންގުޅޭ ފޯނުގެ ސަބަބުން އަހަންނަށް ހާއްސަކޮށް 'ވަނަމެއް' ކިޔާނެއެވެ. އޭނާގެ މަޖާ ވާހަކަތައް އަޑު އެހުމަށް އަހަރެން ޝައުގުވެރި ވެއެވެ. އަހަންނަށް އޭނާގެ ވާހަކަތައް މަޖާވެއެވެ. އެއްވެސް މީހެއް ދެކެ ލޯބިވެއްޖެނަމަ އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ތިމާގެ އަމިއްލަ މިޒާޖު ފޮރުވުމެއް ނެތި ދައްކާނެއެވެ. ޔެހިއާ އަކީ އެފަދަ ދަރިވަރެކެވެ.
ބައެއް ފަހަރު ޔެހިއާ ގެ ކަންކަމުގައި އޭނާގެ ބައްޕަ އާ ވެސް ވާހަކަ ދައްކަން ޖެހެއެވެ. ޔެހިއާ ގެ ކަމެއްގައި މެސެޖެއް ކޮށްފިނަމަ އޭނާގެ ބައްޕަ ވަގުތުން ޖަވާބު ދެއެވެ. ޔެހިއާ 5 ވަނަ ގްރޭޑް ނިންމާ 6 ވަނަ ގްރޭޑުގެ ފުރަތަމަ ދުވަހު އެ ކްލާހަށް އަހަރެން ދިއުމުން ދެއްކި ވާހަކަ އަދިވެސް ހަނދާން އެބަހުއްޓެވެ. "އަހަރެންނަށް މިތަން ވަރަށް ފަސޭހައެވެ. ތިއީ އަހަރެންގެ ޓީޗަރެވެ. މިހާރު އަހަރެން އެކަމަށް އާދަވެއްޖެއެވެ." އޭނާ ބުނިކަމަށް ޓީޗަރު ބުންޏެވެ.
އެހެންނަމަވެސް މިހާރު ޔެހިއާގެ ހާލަތު ބަދަލުވެއްޖެއެވެ. 12 އަހަރުގެ އެ ކުޑަކުޑަ ޔެހިއާގެ ހަރަކާތްތައް މަޑުވެއްޖެއެވެ. އެންމެ ފަހުން އަހަންނަށް އޭނާ ފެނުނުނީ ބުރާސްފަތި ދުވަހު ޓީވީ އިން ދެއްކި ވީޑިއޯ އަކުންނެވެ. އެވަގުތު އަހަރެންގެ ހިތް ކުދިކުދި ވިއެވެ. ހައްދުފަހަނަޅާފައިވާ އިޒްރޭލު ސިފައިން އަލްޖަޒީރާގެ ގާޒާ ބިޔުރޯގެ ޗީފް ވާއިލް އަލް ދަހުދުގެ އާއިލާއަށް އަމާޒުކޮށް ހަމަލާދިން ހަބަރު އަޑުއިވުމުން އަހަރެން ހުއްޓުން އެރިއެވެ. ޔެހިއާގެ ހާލާ މެދު ވިސްނާލެވުނެވެ. އޭނާ އަށް އެ ހަމަލާގައި އެއްވެސް ގެއްލުމެއް ވިތޯ ބަލަން ބޭނުންވިއެވެ.
ނުސްރަތު ރެފިޔުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި ޔެހިއާގެ މަންމަ އާއި ބޭބެގެ އިތުރުން އޭނާގެ 2 ކޮއްކޮ ޝަހީދުވި އިރު އޭނާ ސަލާމަތްވި ނަމަވެސް އެ ހިތަށް ކޮށްފައިވާ އަސަރު އެ މޫނުމަތިން ފެނިގެން ދެއެވެ. އިޒްރޭލުގެ ހަމަލާގައި ޔެހިއާގެ އަތަށާއި ބޮލަށް އަނިޔާވެފައި ވާއިރު އާއިލާގެ ކުއްލި ވަކިވުމާއެކު އޭނާ އިނީ ނެގި މަޑުވެފައެވެ. އަބަދުވެސް އުފާވެރިކަން ފެންނަ އެ މޫނުމަތިން ފެންނަނީ ހިތާމަ އާއި ހިތްދަތި ކަމެވެ. މަންމަގެ ކުއްލި ވަކިވުމާއެކު އެމީހުންގެ ޖަނާޒާގައި ޔެހިއާ ބައިވެރިވި އިރު އޭނާގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކުން އަހަރެންގެ ހިތަށް އަސަރު ކުރުވިއެވެ. އޭނާގެ މަންމަ ގައިގައި ބައްދާލައިގެން އޮވެ ރޮމުން ދިޔައިރު ދެން ދުވަހަކުވެސް އެ މަޖާ މިޒާޖު އަހަންނަށް ނުފެންނާނެއޭ ހިތަށް އެރިއެވެ.
ޔެހިއާގެ ބޮލާ އަތަށް ލިބިފައިވާ އަނިޔާތައް މަޑުމަޑުން ރަނގަޅުވިއަސް އޭނާގެ ހިތަށް ލިބިފައިވާ އަނިޔާ ދުވަހަކުވެސް ފިލާ ނުދާނެއެވެ. މަންމަ އާއި އާއިލާ ވަކިވުމުގެ ހިތާމަ އަކީ ކޮން ފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ. ޔެހިއާ އެ ހިތާމައިން ދުވަހަކުވެސް އަރައިގަންނާނެ ބާއެވެ؟ އެ ޝަކުވާތަކާއި އެ ހިތްދަތިކަން ދުވަހަކުވެސް ފިލާނެ ބާއެވެ؟ އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެ މަޖާކުރަން އުޅުނު އެ ކުޑަކުއްޖާއަށް ދެން ދުވަހަކުވެސް އެ ފަދަ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެހެއްޔެވެ؟ މިއީ ހައްތާވެސް އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކެވެ.
ޔެހިއާ އަށް ލިބުނު އެ ބޮޑު ހިތާމައިގެ އަސަރު އޭނާގެ ޓީޗަރަށްވެސް ވަނީ ކޮށްފައެވެ. އޭނާގެ ދަރިވަރަށް ކުރިމަތިވި އެ ހިތްދަތި ކަމަކީ މިއަދު ގާޒާގެ ކޮންމެ އާއިލާއެއްގެވެސް ހިތާމައެވެ.
ދޫނިތަކެއް ފަދައިން މިނިވަން ކަމާއެކު އުޅެމުން ދިޔަ ގާޒާގެ ކުޑަކުދިންނަކީ އެއް އާއިލާއެއްގެ ގޮތުގައި އުޅެމުން ދިޔަ ބައެކެވެ. އެއް ކުއްޖަކަށް ކަމެއް ދިމާވިޔަސް ހުރިހާ ކުދިންނަށް އެ ކަމުގެ ހަބަރުތައް އެނގެއެވެ. އެމީހުންގެ މެދުގައި ވަނީ ވަރަށް ވަރުގަދަ ލޯތްބެކެވެ. ގާޒާގެ ހަނގުރާމައަށް އެ ކުދިން ނަފްރަތު ކުރެއެވެ. އެހެންނަމަވެސް މިއަދު އެ ކުދިންނަށް އެ ބިމުގައި އެއްވެސް މުސްތަގުބަލެއް ނެތެވެ. ދިރިހުންނާނެ ކަމުގެ އުއްމީދެއް ނެތެވެ.