ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު އަނބުރާ ފޮނުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 18ގައި ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓުގެ މައްސަލަ ބަލައިފައި ވާ ކަމަށެވެ.

އެ އުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުން، އެ 5 އުޅަނދު މިހާރު އެނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ. މަސްވެރިކަމުގެ އާ ގާނޫނު 2019 ގައި ފާސްކުރުމަށް ފަހު، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް ވަދެ ގާނޫނާ ހިލާފަށް މަސްވެރިކަން ކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޖޫރިމަނާ ކުރި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ. ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންނެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ .އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.

ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގާނޫނާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު 2 މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރާ ގޮތަށް، ގަވައިދާ ހިލާފަށް ބޭރުގެ އުޅަނދުފަހަރުން ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދު ތަސްތީގު ކޮށްފައި ވަނީ އޮގަސްޓް 8، 2022 ގައެވެ.

ބޭރުގެ އުޅަނދުފަހަރުން ދިވެހި ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ބޭނުން ވާނެއެވެ. އަދި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުން ކުރާ ޖޫރިމަނާ ނުދައްކައިފި ނަމަ ދައުލަތަށް އެ ބޯޓު ނެގުމުގެ ބާރު ލިބިފައި ވެއެވެ.