ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް މޯލްޑިވްސް ކަސްޓަމްސް އިން ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ކަސްޓަމްސް އިން ބުނީ، މި ހަރަކާތުގައި ފައިސާ ހަދިޔާކުރުމުގެ އިތުރުން ބައެއް ތަކެތި ގަނެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި ޕިން ބެޖް އާއި ކޮފީ / ޗައި / ޑްރިންކްސް އަދި ނާސްތާ ފަދަ ތަކެތި ގަނެވިދާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާކާގޯ އެގްޒަމްގައި ވެސް އިތުރު ޑޮނޭޝަން ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.