މީގެ 7 އަހަރު ކުރިން ހަށިވިއްކި މައްސަލައެއްގައި ދައުވާކުރި ދެ މީހަކަށް ކުށް ސާބިތުވެ 4 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ސްޕަންޖްގެ، މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގެ، އާއިޝަތު ރިޒްނާގެ މައްޗަށެވެ.

އެދެމީހުންގެ މައްޗަށް ކުށް ސާބިތުވީ އެ ދެމީހުން ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައި ވަނިކޮށް ކަމަށާއި ޖަލު ހުކުމް އިއްވަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް އެކޯޓުން ބުނެއެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް، ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހަށި ވިއްކުމުގެ މައްސަލަތައް އިތުރުވެ، އެފަދަ އަމަލުތައް ހިންގާ ތަންތަން އިތުރުވެފައިވާއިރު، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.