އެެމެރިކާއިން ފޯރުކޮށްދޭ ބޮން ގާޒާގެ ރައްޔިތުންގެ ބޯ މައްޗަށް އަޅާ އިޒްރޭލުން މުސްލިމުންގެ ނަސްލެއް ނައްތާލަމުން ގެންދާ މައްސަލަ ހުއްޓުވުމަށް އދ ގެ ސެކިއުރިޓީ ކައުންސިލުގައި ބަހުސް ކުރި ނަމަވެސް ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ދެކޮޅު ހަދައިިފިއެވެ.
ވީޓޯ ކުރުމުގެ ބާރު އޮތް ރަޝިއާ އާއި އެމެރިކާ ހިމެނޭހެން ދާއިމީ 5 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުން ހިނގަމުން ދިޔަ އިރު ގިނަ ގައުމުތަކުން ގޮވާލަމުން ދިޔައީ ވަގުތުން ހަނގުރާމަ ހުއްޓާލައި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށެވެ.
ފާއިތުވި 2 ހަފްތާގެ ތެރޭގައި ހުސަހެޅި 2 ގަރާރުވެސް އެމެރިކާއިން ދެކޮޅު ހަދާ ވީޓޯ ކޮށް ބޭރު ކޮށްލާފައި ވާ އިރު މިހާރު ބަހުސް ކުރެވެމުން ދާ ގަރާރުގައި އެމެރިކާއިން ބުނަމުން ދަނީ ހަމަލާތައް އެއްކޮށް ހުއްޓާލާން ތާއީދު ނުކުރާ ކަމަށާއި ނަމަވެސް ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތާއީދު ކުރާ ކަމަށެވެ. މީގެ އިތުރުން ފަލަސްތީނުން ނިކުންނަން ބޭނުންވާ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ނިކުމެވޭނެ ގޮތް ވުމަށްވެސް ތާއީދު ކުރާ ކަމަށާއި އިޒްރޭލުން ހަމަލާތައް ދޭ އިރު ވީހާވެސް ބޮޑަކަށް އާންމުންގެ ސަލަމަތާއި ރައްކާތެރި ކަމަށް ބެލުން މުހިންމު ކަމަށެވެ.
އިޒްރޭލުގެ އުދުވާން ކުށްވެރި ކުރަންވެސް ހުއްޓާލަން ވެސް އެމެރިކާ ތާއީދެއް ނުކުރެއެވެ. އޭގެ ބަދަލުގައި ބުނަމުން ދަނީ އިޒްރޭލުގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް އޮތް ކަމަށެވެ.
މުޅި މަޖިލީސް ހިމެނޭހެން ކުރިއަށް ދާ ބަހުސްގެ މަރުހަލާގައި 90 ގައުމަކުން ވާހަކަ ދައްކަން ލިސްޓު ކޮށްފައި ވާ އިރު އެެމެރިކާ ފިޔަވައި މިހާތަނަށް ވާހަކަ ދެއްކި ހުރިހާ ގައުމަކުންވެސް ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އދ ގައި ހިމެނޭ 22 މެންބަރުންގެ އަރަބި ގްރޫޕުގެ ފަރާތުން ވާހަކަ ދައްކަވަމުން އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފަދީ ވިދާޅުވީ، އިޒްރޭލުން ގާޒާ ބިމާ ހަމަކުރަމުން ދާ އިރު ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން ނުކެރި ސެކިއުރިޓީ ކައުންސިލް ފެއިލްެވެފައި ވާ ކަމަށެވެ.
އޭނާ ވަނީ ހަނގުރާމަ ހުއްޓާލައި ދެފަރާތުގެ އާންމު ރައްޔިތުން މެރުން ކުށްވެރި ކުރުމާއެކު ހައިނޫނުކަން ނައްތާލައި، އެންމެންގެ މައްޗަށް ޝާމިލުވާ ގޮތަށް އަދަބު ދިނުން ހުއްޓުވުމަށް ފާސްކޮށް ދިނުމަށް ޑިޕްލޮމޭޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ، އިންސާނީ އެހީ ފޯރުކޮށް ދޭން އެމެރިކާއިން ތާއީދު ކުރާ ކަމަށާއި އެއީ ހަނގުރާމަ ހުއްޓާލުން ނޫން ކަމަށް ވިދާޅުވެފައެވެ. އެެމެރިކާގެ ގަރާރުގައި ކޮންމެ ބަޔަކަށް ވެސް އެބައެއްގެ ވަޒަން ނުވަތަ ފަސްގަނޑު އަދި ރައްޔިތުން ސަލާމަތް ކުރުމުގެ ފުރިހަމަ ހައްގު ލިބިގެން ވާ ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.
އެެމެރިކާގެ ގަރާރަށް ބަހުސް ކުރަމުން ދާ މި ދަނޑިވަޅުގައި ރަޝިއާއިން ވަނީ އިތުރު ގަރާރެއް އަނެއްކާ ހުށަހަޅާފައެވެ. މީގެ ކުރިން ރަޝިއާ އާއި ބްރެޒީލް އިން ހުށަހެޅި ގަރާރު ވީޓޯކޮށް ބޭރު ކޮށްލި ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ވާ އިރު، މިހާރު ބަހުސް ކުރެވެމުން ދާ ގަރާރަށް ފެށޭ ހަފްތާގައި ވޯޓަށް އަހާނެއެވެ.
އެންމެ ފުރަތަމަ ކަމަށް ވީ ތި އަލިފް ދާލޭ ކިޔުނު އަމިއްލަ ޕްރޮޕެގެންޑާ ހިންގަމުން މުސްލިމުންގެ ލޭ ބުއިމަށް ބޭނުންކުރާ އާލާތަކަށް ހަދާފައިވާ އަލިފުދާލު އުވާލުމަށެވެ.