އދ ގެ ދާއިމީ މެންބަރުކަން ފަލަސްތީނުގެ ކިބައިން ނިގުޅައިގެންފައި ވަނީ އެންމެ ވޯޓަކުން ކަމަށާއި އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން ވީޓޯގެ ބާރު އުވާލުމަށް ބާރުއަޅާ ރާއްޖެއިން ވަރުގަދަ މެސެޖެއް ދީފިއެވެ.
އދ ގެ އާންމު މަޖިލީޙުގެ 78 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ, އދ މަޖިލީހުގެ ދާއިމީ މެންބަރުކަން ފަލަސްތީނަށް ދިނުމާ މެދު އޭޕްރީލް 18 ވަނަ ދުވަހު ނެގި ވީޓޯ ކުރީ އެންމެ ވޯޓަކުން ކަމަށާއި އެއީ, ފަލަސްތީނުގެ ދެމިއޮތުމަށާއި އިންސާފު ލިބުމަށް ހުރަސް އެޅި ވޯޓު ކަމަށެވެ. އެހެން ކަމުން އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ހައިދަރު ވިދާޅުވީ, މިއަދު އެންމެން އެއްވެ ތިބީ އެ ދުވަހުގެ ވީޓޯގެ ސަބަބުން ކަމަށެވެ.
ފަލަސްތީނަށް އދ މަޖިލީހުގެ ދާއިމީ ހައިސިއްޔަތު ނުވަތަ ދާއިމީ މެންބަރުކަން ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރަށް 140 ގައުމަކާއި ސަލާމަތީ މަޖިލީހުގެ 12 މެންބަރުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އާންމުން މަގުތަކަށް އެއްވެ އަޑުއުފުލިއެވެ.
"ނަމަވެސް އދ މަޖިލީހުގައި ހިމެނޭ 193 ގައުމުގެ ތެރެއިން ހަމަ އެންމެ ގައުމަކާ ހެދި ފަލަސްތީނުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ހުއްޓި, އިންސާފަށް ހުރަސް އެޅި, އަމިއްލަ ހައިސިއްޔަތު ލިބުމަށް ހުރަސް އެޅިގެން އެދިޔައީ"
އޭނާ ވިދާޅުވީ އެ 1 ވޯޓާ ހެދި އދ މަޖިލީސް އަނެއްކާވެސް ފެއިލް ވެއްޖެ ކަމަށެވެ. އަދި ހަމަ އެ ވީޓޯ ގެ ސަބަބުން އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ވެސް ހުރަސް އެޅިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މިވާހަކަ ދައްކާ އިރުވެސް އިޒްރޭލުން އެ ގެންދަނީ ފަލަސްތީނުގައި ގަތުލުއާންމު ހިންގަމުން, އިޒްރޭލުގެ ނުބައި ނުލަފާ އަމަލުތައް ފެންނަމުން މިދަނީ އަހަރެމެންގެ ލޯ ކުރިމަތީގައި"
ފަލަސްތީނުގެ ބިމުން ބޮޑެތި ކައްވަޅުތައް ފެންނަމުން ދާ ކަމަށާއި ތުއްތު ދަރިން އަތްމައްޗަށް ލައިގެން ތިބި އާއިލާތައް ހުރި ހުރި ގޮތަށް ވަޅުލައިފައި [ގޮއްވާ ބިމާ ހަމަކޮށްފައި ވާ އިމާރާތްތަކުގެ ދަށުގައި] ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އދ ގެ އާންމު މަޖިލީހަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ކަންކަން ނޭނގޭ ކަމަށް ހެދިގެން އެ މަޖިލީހަށް ނުތިބެވޭނެ ކަމަށެވެ. އެގޮތުން އެތައް މިލިއަން ބަޔަކު ރަފާ އަށް ފައްސާލުމަށް ފަހު އިޒްރޭލުން ހިންގަން އުޅެނީ [ރަފާ އަށް އަރާނެ ކަމަށް އިޒްރޭލުން ބުނެފައި ވާ ވާހަކަ އަށް އިޝާރާތް ކުރައްވައި] ގަލުތުއާންމެއްގެ ހުރިހާ ކުންނު ތަކެއް ހަމަވާ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ނޯޓުގައި އޭނާ ވަނީ 1994 ގައި ރުވާންޑާގައި ހިންގި ގަތުލުއާންމާއި 1995 ގައި ބޮސްނިއާގެ ސަބްރޭނިކާގައި ހިންގި ގަތުލުއާންމު ހުއްޓުވުމުގައި އދ މަޖިލީސް ފެއިލްވި ގޮތް އިތުރަށް ހަނދާންކޮށްދޭން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އެހެން ކަމުން މިއީ ވީޓޯ އަށް އދ ގެ މަޖިލީހުން ނޫނެކޭ ބުނަންވީ ވަގުތުކަން ފާހަގަ ކުރައްވައި ހައިދަރު ވިދާޅުވީ ވީޓޯގެ ސަބަބުން އިޒްރޭލުން ހިންގާ ގަތުލުއާންމާއި ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ލައިސަންސް ދެވޭ ކަމަށެވެ.
އެހެން ކަމުން އެ ސަރަހައްދަށް [ފަލަސްތީނަށް] ހަމަޖެހުން އަންނާނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާއި, ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުމާއި 1948 ގެ ނަކްބާ ހަނގުރާމައިގައި ވަޒަނުން ބޭރުކުރި ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް އައުމުގެ ފުރުސަތު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އދ މަޖިލީހުގައި ފަލަސްތީނާ އެއްކޮޅަށް ނެގޭ ކޮންމެ ވޯޓެއް ވީޓޯ ކުރާ ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އަކީ އިޒްރޭލުގެ ހުރިހާ އުދުވާނަކަށް ފާޅުގައި އެހީތެރިވެ ދީ އަދި ހިތއްވަރުދީ އަދި ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ ހުރިހާ ފިއްތުންތަކެއްގައި އަތް އަޅާ އިޒްރޭލުގެ މަދަދުވެރިޔާއެވެ.