ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުން އިންތިހާބާ ގުޅޭ މާލީ ކަންކަމާބެހޭ މުއާމަލާތްތައް ގުޅޭ ގޮތުން އޮޑިޓް ރިޕޯޓެއް ތައްަޔާރުކޮށް ފުރަތަމަ ބުރުގައި ބައިވެރިވި ކެންޑިޑޭޓުން އެ ރިޕޯޓް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު އޮޑިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޮޑިޓް ކުރުމަށް ފަހު، އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ އޮޑިޓް ރިޕޯޓް އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި ދެވަނަ ބުރުގެ ކެންޑިޑޭޓުން އޮޑިޓް ރިޕޯޓް ހުށަހަޅަން ޖޭހެނީ އަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކަމަށް ހަބީބް ވިދާޅުވިއެވެ. އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް ކަމަށް ހަބީބް ވިދާޅުވިއެވެ.
ހުށަހަޅާ އޮޑިޓް ރިޕޯޓުތަކުގައި ފައިސާގެ ހުރިހާ މުއާމަލާތްތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމަންޓް ތަކާއެކު އީސީގެ ވެބްސައިޓްގައި ޝާއިއު ކުރުމާއެކު އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް ހަމަޖައްސާނެ ކަަމށް ވެސް އީސީން ބުނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި، ޑރ. މުހައްމަދު މުއިއްޒު އާއި، މުހައްމަދު ނާޒިމް އާއި، އިލްޔާސް ލަބީބްގެ އިތުރުން ގާސިމް އިބްރާހިމް އާއި، ހަސަން ޒަމީލް އާއި، އަހްމަދު ފާރިސް މައުމޫން އަދި އުމަރު ނަސީރު އެވެ. މީގެ ތެރެއިން ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެވަނަ ބުރަށް ވަޑައިގެންފައި ވަނީ ޑރ. މުއިއްޒު އާއި ރައީސް ސޯލިހެވެ. އަދި ދެވަނަ ބުރުން މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ޑރ. މުއިއްޒުއެވެ.