ފެނަކަ ކޯޕަރޭޝަނާ ގުޅުންހުރި އެކި މައްސަލަތައް ތަހްގީގުކުރުމަށް ފަހު އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން، 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އޭސީސީން އަންގައިފިއެވެ.
އޭސީސީން ބުނީ، ފެނަކަ ކޯޕަރޭޝަނާ ގުޅުންހުރި ކޮރަޕްޝަންގެ 75 މައްސަލައެއް މިހާރު ވެސް އެ ކޮމިޝަނުން ތަހްގީގުކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ކަމެއް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެ ކަންކަމަކީ:
- ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުން
- އުސޫލުން ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުން
- ކުންފުނީގެ ޕްރޮކިއުމެންޓު އުސޫލުތަކާ ހިލާފުވުން
- ކުންފުނިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުން
މިހާތަނަށް ހުށަހެޅުނު 75 މައްސަލައެއްގެ ތެރެއިން ތަހްގީގުކުރެވުނު މައްސަލަތަކަށް ބެލުމަށް ފަހު، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް، އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، ފެނަކަ އާ ގުޅުންހުރި އެކި މައްސަލަތަކާ ގުޅިގެން، 92 ކަމެއް އިސްލާހުކުރުމަށް ފެނަކަ އަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ފެނަކަ ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަހްގީގުކުރުމަށް ހަ ކަމެއް އެކުންފުންޏަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން، ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެ ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ތަހްގީގުކުރުމަށް ދިމާވާ ދަތިތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އާއި ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގުކޮށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އޭސީސީން އެ ކުންފުންޏަށް އަންގާފައި ވަނީ، އެ ކުންފުނިން ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ދައްކަން ޖެހޭ އެތައް ފައިސާ އެއް ނުދައްކައި އޮތް ކަމަށް ވިދާޅުވެ އެސްއެމްއީތަކަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އެ ކުންފުނީގެ އޮޑިޓެއް ހެދުމަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވެމުން ދާ ދަނޑިވަޅެއްގައެވެ.