ސިވިލް ސާވަންޓުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން އަމަލު ކުރަމުން އައި ޕޭ ފްރޭމްވޯކްގައި ވާ ގޮތުން، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ.

މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާ އަދި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.

މިގޮތުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވެގެންނާ އަދި އޮންލައިންކޮށް މަސައްކަތްކޮށްގެން ވެސް މި އިނާޔަތް ލިބެ އެވެ. މި އިސްލާހުގައި އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމެވެ. އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވެއްޖެ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތަށެވެ.

މީގެއިތުރުން ރަށްރަށަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ހާޒިރީ އެލަވަންސްގައި ހިމަނާނެއެވެ.

މި އިސްލާހުގައިވާ ގޮތުން މި އެލަވެންސް ލިބޭނީ ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައެވެ. މި ގޮތަށް ދޭ އިތުރު ގަޑީގެ ފައިސާ ހިސާބު ކުރާނީ، ގަވައިދުގައި އޮންނަ ގޮތުން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ ގުނަކޮށްގެން އަންނަ އަދަދު އެ މުވައްޒަފަކު މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެންނެވެ.