މުހިންމު އެއްވެސް ލިޔެ ކިއުމެއް ނައްތާލާފައި ނުވާނެ ކަމަށް އެފްއެސްއެމްވއިން ބުނެފިއެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ
އެކަމާ ގުޅިގެން އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިދާރީ ގޮތުން އެކުންފުނިން ބަލަމުންދާ ކަމަށް ވެސް އެފްއެސްއިން ބުނެއެވެ. އެފްއެސްއެމް އިން ވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ އެކުންފުނިން މަރުހަބާ ކިޔާނެ ކަމަށް ވެސް ބުނެފައެވެ.
އެފްއެސްއެމް އިން މިހެން ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމު ކޮށްފައި ވަނީ އަހުމަދު އަނީސް ނަމަކަށް ކިޔާ އެފްއެސްއެމްގެ މުވައްޒަފެކެވެ. އޭނާ ވަނީ އެ މަންޒަރު ވީޑިއޯކޮށް އާންމުކުރީ ނައްތާލި ލިޔުންތަކަކީ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅޭ ލިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބުނެފައެވެ.
އެވީޑިއޯ އާންމުކުރުމުން އިއްޔެ އިން ފެށިގެން އަނީސް އެ ކުންފުނީގެ މަގާމުގެ މަސްއޫލިއްޔަތު ތަކުން ވަގުތީ ގޮތުން އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އޭސީސީން ބަޔާނެއް ނެރެފައި ވާއިރު ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، އެ ކޮމިޝަނުން ހިންގާ ތަހުގީގު ތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމަށް ވުމުން އެފަދަ އަމަލުތައް ހުއްޓާލުމަށް އެ އޭސީސީން ވަނީ އަންގާފައެވެ. އެފަދަކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ، ނަޒާހާތްތެރިކަން އިސްކުރުމަށް ވެސް އެ ކޮމިޝަނުން އެދެއެވެ.
މީގެއިތުރުން އެފަދަ އަމަލު ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށް އެސީސީއިން ވަނީ އެދިފައެވެ.
ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަން ފާހަގަކޮށް އެސީސީއިން ބުނީ އެކަންކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.
މިދަނޑިވަޅުގައި ނައްތާލާނީ ބިތުފަންގި ނަގައިގެން، ކެޔޮކޭވަރު ބަލާފާނެތީ، ކެޔޮކޭވަރު އެނގޭ ލިޔުންތަކެވެ.