ހއ. ދިއްދޫ ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގެއް އުރި އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތް ކަމަށްވާ އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށް މުއްދަތު ހަމަވި ނަމަވެސް އެ ރުފިޔާ ދައްކާފައި ނުވާކަމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިދިޔަ މެއި މަހު އެކުންފުނީގެ ބާޖެއް ކަމަށްވާ "މުތާ ޕްރައިޑް" އަދި ޓަގު ބޯޓެއް ކަމަށްވާ "މުތާ ޕްރިންސެސް" ދިއްދޫ ފަރަށް އެރި ނަމަވެސް ބޯޓު ފުންކޮށްފައި ވަނީ ފަރަށް އެރިތާ ތިން ދުވަސް ފަހުންނެވެ.

އެ ހާދިސާގައި ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޗުއާރުއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހު އެވެ.

އީޕީއޭއިން ބުނީ، ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން އީޕީއޭއިން ބެލި ބެލުމުން 4038 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އަދި ގެއްލުމުގެ ބަދަލުގައި އީޕީއޭއިން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 101،743،400 ރުފިޔާ އެވެ.

ނަމަވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައި އޮތުމުން ޖޫރިމަނާކޮށްފައިވަނީ އެންމެ ބޮޑު އަދަދު ކަމަށްވާ 100 މިލިއަން ރުފިޔާއިންނެވެ. ޖޫރިމަނާކޮށް 30 ދުވަސް ހަމަވެގެން ދިޔައިރުވެސް މި ފައިސާ އެ ކުންފުނިން ދައްކާފައެއް ނުވެއެވެ.