ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އއ. ފެރިދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުން ފެން ހިއްކުމުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ފެރިދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ބައެއް މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިންނާއި މާލެ ފަޔާ ސްޓޭޝަންގެ ސިފައިން އެރަށަށް ގޮސް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ފެން ހިއްކުމަށް ބޭނުންވާ ސާމާނާއި، ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ގޯނިފަދަ ތަކެތީގެ އެހީގައި ވަނީ ގޭގެށް ފެން ވަނުން ހުއްޓުވާފައި ވެއެވެ. އަދި ފެން ބޮޑުވެފައިހުރި ތިން ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މަގުތަކުގައި ބޮޑުވެފައިހުރި ފެންގަނޑުތައް ހިއްކައި މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށާއި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެފައި ހުރުމުން، ފެން ނުވަންނާނެހެން އަށް ގެއެއްގެ ކައިރިއަށް ވެލި އަޅައި، ހަތަރު ގެއެއްގެ ކައިރީގައި 60 ވެލިގޯނި ޖަހާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުން ބުނީ ބައެއް ގޭގެއަށް ފެނުގެ އަސަރު ކުރި ނަމަވެސް މާ ބޮޑެތި ގެއްލުންތަކެއް ނުވާ ކަމަށެވެ. އަދި ގެތަކުގެ އިތުރުން ފިހާރަތަކަށް ވެސް ފެން ވަނުމުގެ ކުރިއަށް ސަލާމަތީ ފިޔަވަޅު އެޅިގެން ދިޔުމީ އެފަދަ ހާދިސާއެއް ހިނގަން މެދުވެރި ނުވި ސަބަބު ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. ރަށުގައި ފެންބޮޑުވާން ބޮޑަށް މެދުވެރިވީ ނަރުދަމާ އެޅުމަށް ކޯރު ކޮނެފައި އޮތުމުގެ ސަބަބުން ކަމަށްވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އެގޮތުން، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރ ކުރާނެ ކަމަށް ލަފާ ކުރެވޭއިރު އޭގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.