އެމްއެމްޕީއާރުސީ މައްސަލާގައި އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއް ގޮތަށް ފައިސާ ނުދެއްކި މައްސަލަ އަނެއްކާވެސް ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ސެޕްޓެމްބަރު 17. 2021ގައި ސިވިލް ކޯޓުން ވަނީ ހަ މަހަށް ބަހާލައިގެން އެމްއެމްޕީއާސީއަށް އެސްއޯއެފުން 10،708،271 މިލިއަން ޑޮލަރު (164.10 މިލިއަން ރުފިޔާ) ދެއްކުމަށް ހުކުމްކޮށްފައެވެ.

ނަމަވެސް ހުކުމާ އެއްގޮތަށް އެސްއޯއެފް އިން އެފައިސާ ދައްކާފައިނުވާއިރު އެމައްސަލަ ސިވިލް ކޯޓުން މަދަނީ އިޖުރާއަތްތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ސާކިއުލާއެއްގެ ދަށުން ބަލަން ފެށިއެވެ. ނަމަވެސް އެމްއެމްޕީއާރްސީން އަޑުއެހުންތަކަށް ހާޒިރުނުވާތީ ކަމަށް ބުނެ މިދިޔަ ހަފްތާގައި އެ މައްސަލަ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

އެއަށްފަހު އަނެއްކާ އެ މައްސަލަ އެމްއެމްޕީއާރްސީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުގެ ރަޖިސްޓްރާ މިހާތަނަށް ގޮތެއް ނިންމާފައި ނުވެއެވެ.

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފް ކުންފުންޏެއް މެދުވެރިކޮށް ޖަމާ ކޮށްފައި ވާކަން އޭސީސީއިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ވެސް ހިމެނެއެވެ.

މި ހިޔާނާތުގެ މައްސަލަތައް އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު ބައެއް ތަހުގީގުތަކާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމާ ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެވެ.