ހދ. މަކުނުދޫގައި މިއަދު ސިލިންޑަރެއް ގޮވި ހާދިސާގައި ދެމީހަކު ޗިސްސިސްވެ މަރުވެފައި ވާ އިރު މިހާދިސާގައި އިތުރު ބަޔަކަށް އަނިޔާވި ކަން އަދި ކަށަވަރެއް ނުވެއެވެ. އެ ރަށުގެ ނަރުދަމާ މަސައްކަތް ކުރާ ސައިޓެއްގައި ސިލިންޑަރެއް ގޮވި ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އެއީ އޮޅުމެއް ކަމަށާއި އެކަން ހިނގާފައި ވަނީ އެރަށު މަސް މަސް މާރުކޭޓު ކައިރީގައި އޮތް ސިލިންޑަރެއް ގޮވައިގެން ކަމަށް ފުލުހުން އަލުން ބުނެފިއެވެ.
މިހާދިސާގައި މަރުވެފައި ވަނީ އެ ރަށުގެ އެއާޕޯޓް އެޅުމުގެ މަސައްކަތަށް ބިން ހިއްކުމުގެ މަޝްރޫއަށް ގޮސް ތިބި އިންޑިއާ ދެމީހުން ކަން 'ދަ ޕްރެސް' އަށް ވަނި އެނގިފައެވެ.
'ދަ ޕްރެސް' އަށް މައުޅުމާތު ދެމުން އެ ރަށުގެ ކައުންސިލުން ބުނީ، މި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑު އޮތީ އެކީ ޗިސްޗިސް ވެފައި ކަމަށާއި އެމީހުންގެ ހަށިގަނޑުގެ ބައިތައް ބުރަބުރައިގެން ގޮސްފައިވާ ކަަމަށެވެ. ގާތްގަނޑަކަށް 1000 ފޫޓެއްހާ ދުރުން ވެސް އެމީހުންގެ ހަށިގަނޑުގެ އެތިއެތި ކޮޅު ފެނުނު ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ހާދިސާ ހިނގި ސައިޓުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، އެމީހުންގެ ހަށިގަނޑުން ބުރައިގެން ދިޔަ އެތިއެތި ކޮޅު ހުރި ތަންތަން ފާހަގަކޮށް އެ ތަނުގައި ފާހަގަ ޖަހަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. މިހާރު ވެސް ގާތްގަނޑަށް 400 އެއްހާ ތަން ފާހަގަ ކޮށްފައިވާ ކަަމަށް އެ ކައުންސިލުން ބުނެއެވެ.
އެ ބާރު ގޮވުމާއެކު އެ ސަރަހައްދުގައި ހުރި އެރަށު މަސްމާރުކޭޓުގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އެތަނުން އެހެން އިމާރާތެއްގެ ފުރާޅު މަތިން ވެސް މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ފެނުނު ކަމަށް ކައުންސިލުން ބުނެއެވެ. އަދި މޫދުގައި އަޅާފައި އޮތް އުޅަނދެއްގެ ގެގަނޑުގައި ޖަހާފައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް އެތެރެއަށް ވެސް ބައެއް އެތިކޮޅުތައް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގި ސައިޓުގައި ގޭސް ސިލިންޑަރު ގޮވާފައި ވަނީ އެ ސައިޓުން ބޭރުގައި ބަހައްޓާފައި ހުރި މޯޓަރެއް ކައިރީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ދެ މީހެއްގެ ހަށިގަނޑުން ގިނަ ބައިތަކެއް ބުރައިގެން ގޮސްފައިވާ އިރު، މި ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އަންނަނީ ދުން އަރަމުންނެވެ. މިހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލެއް އަދި ދެވޭނީ، އެ ސަރަހައްދުތަކުގައި ހުރި ކެމެރާތަކުން ވީޑިއޯ ފުޓޭޖް ބަލައިގެން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މިހާދިސާގައި އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބޭ އިރު އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.