ވައިގެ މަގުންނާއި ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމެންޓެއް، އެކި ދުވަސް މަތިން ކަސްޓަމުން ހުއްޓުވައިފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ކަސްޓަމުން ބުނީ، މަސްތުވާތަކެތީގެ އެ ތިން ޝިޕްމެންޓުގައި ޖުމްލަ 8.84 ކިލޯ ހުރި ކަމަށެވެ. ކަސްޓަމުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން އެ ތަކެތީގެ މަގުމަތީ އަގު އަށް މިލިއަނަށް ވުރެ ބޮޑެވެ. ނަމަވެސް އެއް ޝިމްޕެންޓުގެ އަގު ހާމަކޮށްފައި ނުވާތީ ސީދާ އަދަދެއް ނޭނގެއެވެ.
ކަސްޓަމުން އަތުލި ތިން ޝިޕްމެންޓުގެ ތެރެއިން ފުރަތަމަ ޝިޕްމެންޓު އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 27 ގައި، ޕޯސްޓު މެދުވެރިކޮށް ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދަނިކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށާއި، އެގޮތުން ފުރަތަމަ މަރުހަލާގައި ކުރި ތަހުލީލުން އެ ކުނޑިތައް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯނަށް ޕޮޒިޓިވްކަމަށް ދައްކާ ކަމަށް ކަސްޓަމުން ބުންޏެވެ.
އޭގެ ފަހުން މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ އިން އެއާ ކާގޯ މެދުވެރިކޮށް ގެނައި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން، އެ ޝިޕްމެންޓުގެ ތެރޭގައި ހިމެނޭ ފަސް ޕެކޭޖެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ޕެކެޓުތަކެއް ފޮރުވާފައި ހުރި ކަން ފާހަގަކުރެވުނު ކަމަށާއި، ފުރަތަމަ މަރުހަލާގައި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ.
ކަސްޓަމުން ބުނީ، ހަމަ އޭގެ ދެ ދުވަސް ފަހުން ތައިލޭންޑުން ރާއްޖެ އައި އެއާ ކާގޯ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކުރި ތަހުލީލުން އެ ތަކެތި ވެސް ހެރޮއިނަށް ޕޮޒިޓިވް ކަމަށެވެ.
މަސްތުވާތަކެތީގެ ތިން ޝިޕްމެންޓުގެ އިތުރު ތަފްސީލު:
- ފުރަތަމަ ޝިޕްމެންޓު: މެފެޑްރޯން، ޕެކިން އާ އެކު ޖުމްލަ 2.25 ކިލޯ (މަގުމަތީ އަގު ނޭނގޭ)
- ދެވަނަ ޝިޕްމެންޓު: ހެރޮއިން، ޕެކިން އާ އެކު ޖުމްލަ 3.04 ކިލޯ (މަގުމަތީ އަގު: 3.8 މިލިއަން ރުފިޔާ)
- ތިންވަނަ ޝިޕްމެންޓު: ހެރޮއިން، ޕެކިން އާ އެކު ޖުމްލަ 3.55 ކިލޯ (މަގުމަތީ އަގު: 4.2 މިލިއަން ރުފިޔާ)
މަސްތުވާތަކެތީގެ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް މަސްތުވާތަކެތި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. ނަމަވެސް މި މައްސަލަތަކާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ހާމައެއް ނުކުރެއެވެ.