ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއަށް ރައީސް އޮފީހުން ބަދަލެއްގެ ގޮތުގައި 2 ރަށާއި ފަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާގެ ވާހަކަ އަދި އޭނާގެ ބިންތަކެއް އޮތްތޯ ބެލުމަށް ރައީސް އޮފީހަށާއި ކައުންސިލްތަކަށް ސިޓީ ހުށަހަޅުއްވައިފިއެވެ.

މިކަންކަން ސާފުކޮށްދިނުމަށް އެދި ރޮޒައިނާ ސިޓީތައް ހުށަހަޅުއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.ރޮ

ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީއިން ރޮޒެއިނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް "ދެންމެ" އޮންލައިން ނޫހުގައި ކިޔެފައި އިތް އޮތުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ވަނީ އެއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްކަން ގަބޫލު ކުރެވިފައި ކަމަށެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށް ރައީސް އޮފީހުން އެފަދަ ބަދަލެއް ދޭން އުޅޭކަން އަދި އެއީ ކޮން ކަމަކާ ގުޅިގެން ދޭން އުޅޭ ބަދަލެއްކަން ނުވަތަަ އެއްވެސް ކަމަކާ ގުޅޭ ގޮތުން ބަދަލެއް ދޭން ޖެހޭ ކަން އެނގިލައްވާފައި ނުވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައީސްގެ އޮފީހުން އެފަދަ ނިންމުމެއް ނިންމާފައިވޭތޯ ސާފުކޮށްދިނުމަށް އެ ސިޓީގައި ރޮޒެއިނާ ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ރޮޒެއިނާއަށް އޮތް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފަތުރަމުންދާ 2 ގޯއްޗާއި ބިމުގެ އިތުރުން ފަޅު ރަށުގެ މައުލޫމާތު ސާފުކޮށްދިނުމަށް އެދި އޭނާ ވަނީ ކައުންސިލްތަކަށް ސިޓީ ހުށަހަޅުއްވާފައެވެ. އެގޮތުން ލ. ގަމުގައި 1 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ބުނާ ބުނުން އޮޅުންފިލުވުމަށް ހައްދުންމަތީ ގަމު ކައުންސިލް އިދާރާއަށް އަދި އައްޑޫ ސިޓީގައި 2 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްތޯ ބެލުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ވަނީ ސިޓީ ހުށަހަޅާފައެވެ.

ހަމައެއާއެކު ނ. އަތޮޅުގައި ރޮޒައިނާއަށް ދީފައި އޮތް ކަމަށް ބުނާ 200 މިލިއަން ރުފިޔާގެ ފަޅު ރަށެއް އޮތްތޯ ބެލުމަށް ނ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ހުށަހަޅާފައިވާއިރު އދ. ގައި އޭނާއަށް އޮތް ކަމަށް ބުނާ 4 މިލިއަން ރުފިޔާގެ އަގުހުރި ބިމެއް ހަގީގަތުގައި ވެސް އޮތްތޯ ބެލުމަށް އދ. އަތޮޅު ކައުންސިލް އިދާރާއަށް ވަނީ ސިޓީ ހުށަހަޅުއްވާފައެވެ.