ކުޑަ އިންޖީނު ދޯންޏެއްގައި އދ. ދަނގެތިން މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު އެ ރަށު މޫންލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމް (ޔޫސުބު) ހޯދަން ޑައިވްކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

އަބަދުވެސް މަސްވެރިކަމަށް ލޯބި ކުރާ ޔޫސުބެ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 11:42 އެހާއިރު އެވެ. ޔޫސުފްބެ ހޯދަން ސިފައިން ޑައިވްކޮށްގެންނާއި ވައިގެ މަގުން މަސައްކަތްކޮށްފައިވާއިރު އެމްއެންޑީއެފުން ބުނީ، ޔޫސުބެ ހޯދަން ޑައިވްކުރުން ހުއްޓާލި ނަމަވެސް ކަނޑުމަގުންނާއި ވައިގެ މަގުން އޭނަ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.

ޔޫސުބެ ހޯދަން ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ފަތިހު ޔޫސުބެ މަސްވެރިކަމަށް ނުކުތީ ކުޑަ އިންޖީނު ދޯންޏެއްގައި އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. ނަމަވެސް މަހަށް ނުކުތްތާ މާ ގިނައިރުތަކެއް ނުވެ އޭނާ މަހަށް ނުކުތް ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނިފައި ވެއެވެ. ނަމަވެސް ޔޫސުބެގެ ހިލަމެއް ނެތެވެ. މަހަށް ދިޔައިރު އޭނާ ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ.ދަނގެތީގެ ޑައިވަރުންނާ ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވިއިރު ކަނޑުމަގުން އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓާ ކްރާފްޓް 'ހަކުރާ' އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ބައިވެރި ވަމުންނެވެ. އަދި ވައިގެ މަގުން އޭނާ ހޯދުމަށް ޑޯނިއާ އެއާކްރާފްޓްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.