އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާއަށް ނިންމާލެވޭނެ ކަމަށް ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން އަބްދުއް ރަހީމް ވިދާޅުވީ އެ ކޮމިޓީތަކުގެ މަސައްކަތް ފެށީ 15 ދުވަހުގެ ތެރޭގައި ނިންމާލުމަށް ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިމިފައިވާ ނުވާކަމަށް އަބްދުއް ރަހީމް ވަނީ ވިދާޅުވިއެވެ.
ކޮމިޓީތަކުގެ މަސައްކަތްތައް ކަނޑައެޅި އަމާޒަށް ނިންމާ ނުލެވުނީ ސަރުކާރުގެ ބައެއް އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުންކަން ފާހަގަ ކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ ބައެއް އިދާރާތަކުން ހޯދަން އެދޭ މައުލޫމާތު ފޯރުކޮށް ދިނުމުގައިވެސް ލަސްތަކެއް ހުރި ކަމަށެވެ. މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ކޮމިޓީތަކުގެ މަސައްކަތްތައް މާދަމާއަށް ނިންމާލެވޭނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީތަކުގެ މަސައްކަތް ފަށާފައި ވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް ޖުމްލަ 15 ޓީމެއް އެކުލަވާލާފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާގޮތަށް ސަރުކާރުގެ ކުންފުނިތަކަށް ހާއްސަކޮށް އެކުލަވާލައިފައިވާ 7 ޓީމަކާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކަށް ހާއްސަ 8 ޓީމެއް ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވާ ދުވަހުގެ ކުރިން އިންތިގާލީ މަރުހަލާގެ ހުރިހާ މަސައްކަތެއް ނިންމައި، ރިޕޯޓެއް ތައްޔާރު ކުރަން ޖެހޭއިރު އެ ރިޕޯޓް އިންތިހާބީ ރައީސްއަށް ޑިރެކްޓާ އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަރުވަން ޖެހެއެވެ.