ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެޓްސް (ޕީއެސްއައިޕީ) މަޝްރޫތައް ހިންގުމުގެ މުއްދަތު އިތުރު ކުރުމުގެ ބާރު އިކޮނޮމިކް ކައުންސިލްއަށް ލިބިގެން ނުވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހާލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ އިކޮނޮމިކް ކައުންސިލުން ނެރުނު ސާކިއުލާއާމެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ ބާރަކީ އޭޕްރީލް 25، 2019 ގައި އާންމުކޮށްފައިވާ އިކޮނޮމިކް ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ބާރެއް ނޫން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން އެ ކައުންސިލަށް ލިބިފައިވާ ބާރަކީ ސަރުކާރުގެ އެކި ދާއިރާތަކުން ކުރިއަށް ގެންދާ ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަޅަންޖެހޭ އެކިއެކި ފިޔަވަޅުތައް އެޅުމާއި ތަރައްގީގެ މަޝްރޫއުތައް ވިލަރެސް ކުރުމަށް ދިމާވާ ދަތިތައް ބެލައި އެކަންކަން ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އާންމު ހާލަތުގައި ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން އަމަލު ކުރަން ޖެހޭނީ އެ ގަވާއިދުގައި ބަޔާކޮށްފައިވާ ގޮތެއްގެ މަތިން، އެކަމެއް ކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ފަރާތަށް އެކަނި ކަމަށާއި ދައުލަތު މާލިއްޔަތު ގަވާއިދާ ގާނޫނުތައް ހުރި ގޮތުން އެ ބާރަކީ ފިނޭންސް މިނިސްޓްރީއަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށް ވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް ވިދާޅުވީ އެގަވާއިދަށް އަމަލު ކުރަން ނުޖެހޭ ގޮތަށް މިނިސްޓްރީއަށް ނިންމޭނީ އެ ގަވާއިދުގެ 1.3 ގަ ބަޔާންކޮށްފައިވާ ހާލަތުގެ ތެރެއިން ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށެވެ. އަދި އިއްޔެ ފިނޭންސް މިނިސްޓްރީއިން އެ ސާކިއުލާ ނެރުނު އިރު އެފަދަ ހާލަތެއް ވުޖޫދުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް މުއްދަތު އިތުރު ކުރުމަށް އަމަލު ކުރަންޖެހޭ ވަކި ގޮތްތަކެއް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ކޮވިޑް-19 ގެ ޕެންޑެމިކް ފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވާ ކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެއްބަސްވުމެއްގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަ ނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނެ ކަން ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ.

މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރެވޭނީ މުއްދަތު އިތުރު ކުރުމުގެ ކުރިން ކޮންމެ ޕްރޮޖެކްޓެއް ވަކިވަކިން ބަލާ ކަންކަން ރިވިއު ކުރުމަށްފަހުކަން ގާނޫނުގައި ބަޔާންކޮށްފައިވާއިރު، މުއްދަތު އިތުުރު ކުރާއިރު އެއީ ކޮންޓެކްޓަރުގެ އިހުމާލުން ހިނގާފައިވާ މުއްދަތެއް ނޫންކަން ވެސް ކަށަވަރު ކުރަން ޖެހޭކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން 1 އަހަރާ 8 މަސް ފާއިތުވެގެން ގޮސްފައިވާއިރު، ކޮވިޑްގެ ހާލަތާ ގުޅިގެން ދިމާވި ދަތިތަކާއެކު މުއްދަތަށް ނިމިފައިނުވާ ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުމުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި މާޗް 14، 2022 ފެށިގެން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި މުއްދަތު ކަނޑައަޅާފައިވާންޖެހޭނީ ކޮވިޑް-19ގައި ދިމާވި ދަތިތަކަށް ބެލުމަށްފަހުގައި އެކަށީގެންވާ މުއްދަތު ލިބޭ ގޮތަށް ކަމަށެވެ.

އިންތިގާލީ މަރުހަލާގައި މިފަދަ ނިންމުންތައް ނިންމުމަކީ އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަދި ދައުލަތަށް ލިބެންހުރި މަންފާތައް ލިބިގަތުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ، ދައުލަތަށް އޭގެ ގެއްލުން ލިބިގެން ހިނގައިދާނެ ކަމެއް ކަމަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ފިރުޒުލް ވަނީ އިލްމާސް ކުރައްވާފައެވެ. އަދި މިކަންކަން ހުއްޓުވުމަށް ގާނޫނުގެ ތެރެއިން މަސައްކަތްތަކެއް ކުރާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.