އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަކި ބޭފުޅަކަށް ދައުވަތު ފޮނުވާފައިނުވާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި ފެށޭ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުވާފައި ވާކަމަށް އެ ގައުމުގެ ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ފިރުޒުލް ވިދާޅުވީ، ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ގާއިމް ކޮށްފައިވާ ވަރަށް ގިނަ ގައުމުތަކަކަށް އަދި މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތަކަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

ދައުވަތު އަރުވަނީ ގައުމުތަކަށް އަދި ޖަމިއްޔާ ތަކަށް (ވަކި ބޭފުޅަކަށް ނޫން). އެގައުމެއް ނުވަތަ ޖަމިއްޔާއެއް ތަމްސީލު ކުރައްވަން ވަޑައިގަންނަވާނެ ޑެލގޭޝަން ކަނޑައަޅުއްވާނީ އެ ގައުމަކުން ނުވަތަ ޖަމިއްޔާއަކުން
ފިރުޒުލް

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ. ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައި ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 129،159 ވޯޓެވެ. އަދި ދެވަނަ ބުރުގައި މުއިއްޒުއާއި ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.